އައްޑޫ ފްލައިންގ ސްކޫލް
އައްޑޫ ފްލައިންގ ސްކޫލް
އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ކިޔެވުން ރާއްޖޭން ބޭރުގައި ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލްގައި، ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓި، އެކަމާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި ގޮތުން، އެ ސްކޫލްގެ ބައެއް ދަރިވަރުން ސްކޫލުން ވަކިކުރުމާއި، ޑޮލަރުން ފީ ދައްކަން ޖެހުމުގެ އިތުރުން، އެ ތަނުގައި ކިޔަވާ ދިވެހި ދަރިވަރުން އަދި ބިދޭސީ ދަރިވަރުންގެ މެދުގައި ތަފާތުކުރުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ސަރުކާރުގެ ކަމާއިބެހޭ ވުޒާރާތަކާއި މުއައްސަސާތަކުން ފްލައިންގ ސްކޫލްގެ މައްސަލަ ބަލަމުންދާއިރު، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މިމައްސަލަ ދިރާސާކުރުމުގެ މަސައްކަތް ފަށާފައެވެ. މިމައްސަލަ ދިރާސާކުރާ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ވަނީ ފްލައިންގ ސްކޫލްގެ މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން ހާޒިރުކޮށްފައެވެ. އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަސަން ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަސަން ވިދާޅުވީ، މިކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މާބޮޑު ޒިންމާއެއް ނޯންނާތީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ފްލައިންގ ސްކޫލާމެދު ފިޔަވަޅުއެޅެން ނޯންނަކަމަށެވެ. ނަމަވެސް ތަޢުލީމީ ގޮތުން ދޭންޖެހޭ ލުއިތައް ދިނުމާއި، އަދި ކުދިންނަށް އިތުރު ގޮތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފްލައިންގ ސްކޫލްގެ ދަރިވަރުން ކިޔެވުމަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިބަދަލާއިއެކު ލޯނު އަދާކުރަން ފަށަންޖެހޭނީ، އެ ކުއްޖަކު ކިޔަވާ ނިމުމަށްފަހު 6 މަސް ފަހުންކަމަށެވެ. އަދި ދަރިވަރުން ރާއްޖެއިން ބޭރުން ކިޔެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޯޕަން ޗެކެއް ދެވޭކަށް ނެތް. އިތުރު ފަންޑިންގއެއް ދެންޏާ ދާނެ ވަރެއް ނޭނގެ. މިހާރު ބަލަމުން މިދަނީ ރާއްޖެއިން ބޭރުގައި މިކުދިންނަށް ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ." މިނިސްޓަރ ވިދާޅުވިއެވެ.

ކިޔެވުމަށް ދޫކުރި ލޯނަކީ ރާއްޖޭގައި ކިޔެވުމަށް ދިން ލޯނެއް ނަމަވެސް، މި ލޯން މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަސަންގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް އެހެން ސްކޫލަކަށް ދަރިވަރުން ފޮނުވައިގެން، މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި މިފަދަ އިންތިޒާމެއް ހަމަޖެއްސުމަށް 6 މަހުގެ މުއްދަތެއް ނަގާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

"ދެވަނަ ސްކޫލަކުން ކިޔަވަންޏާ، މިސާލަކަށް ޗެކްރިޕަބްލިކް ކަހަލަ ތަނަކަށް ފޮނުވުމަށް 6މަހުގެ މުއްދަތެއް ނަގާނެ. 6 މަސްތެރޭ މިކަމަށް ޙައްލެއް ގެނެސް ކުދިންނަށް އަލުން ކިޔަވަން ފަށައިގަނެވޭވަރު ކުރާނަން. ހުރި ފުރުސަތުތައް ބަލަމުންދަނީ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ފްލައިން ސްކޫލް ދަރިވަރުންގެ ތެރޭގައި ފައިސާ ދެއްކިނަމަވެސް ތަމްރީން ފުރިހަމަކުރެވޭނެ ގޮތެއް ނެތިފައި ތިބި ކުދިން އެބަތިއްބެވެ. އަދި އެކި ނަންނަމުގައި ދަރިވަރުން އަތުން ފީތައް ނަގާކަމުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ.

އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިން ތަމްރީންކުރުމުގައި މި ވަގުތު ހަރަކާތްތެރިވަނީ އެންމެ 12 އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން