ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)
އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނަށް ހުރަސް އެޅުމަށް އެޗްޕީއޭއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ އެޖެންސީއަށް ފާޑުވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި މުންދު ވިދާޅުވީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަކީ ޕްރޮފެޝަނަލް ކަމެއް ނެތް، ސިޔާސީ އެކްޓިވިސްޓެއް ކަމަށެވެ. އަދި ވިދާޅުވީ، އެމެރިކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އާއިއެކު ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި ކައުންސިލް އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސާފުކޮށްދެއްވީ މައިމޫނާ ކަމަށެވެ.

އެބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނަށް ހުރަސް އެޅުމަށް އެޗްޕީއޭއިން ކުރަމުން އަންނަ ކަންކަން ފާހަގަ ކޮށްފައި ވާނެ ކަމަށް މުންދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއިއެކު ކެމްޕޭން ކުރައްވަން ރަށްތަކަށް ވަޑައިގަންނަވާއިރު އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ނުދޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، މިދިޔަ މާރިޗު މަހު ސަރުކާރުން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހޯމަ ދުވަހު ވަނީ އަނެއްކާވެސް އިތުރު ކޮށްފައެވެ. މިއީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 10 ވަނަ ފަހަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުން ގެންދާތީ ކައުންސިލް އިންތިޚާބު މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން