ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުން އަވަސް ކުރުމަށް، ވަގުތީ ކައުންސިލްތަކުގެ ސަންސެޓް ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރަން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ދައުރުން ބޭރު ޖަލްސާއެއް މިމަހު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އާޒިމް ވިދާޅުވީ އެ ކަމަށް ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރައްވަން ޖެހޭ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ، އެކަންވެސް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރި ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހަލާތު ކުރިމަތިވުމުގެ ސަބަބުންނެވެ. އާ ކައުންސިލަރުން އިންތިހާބު ކުރުން ލަސްވުމާ ގުޅިގެން، ކުރިން ތިބި ކައުންސިލަރުންގެ ދައުރު ވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދައުރު ދަންމާލާފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، މިދިޔަ މާރިޗު މަހު ސަރުކާރުން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހޯމަ ދުވަހު ވަނީ އަނެއްކާވެސް އިތުރު ކޮށްފައެވެ. މިއީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 10 ވަނަ ފަހަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުން ގެންދާތީ ކައުންސިލް އިންތިޚާބު މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން