އީސީގެ ރައީސް އަހުމަދު ޝަރީފް
އީސީގެ ރައީސް އަހުމަދު ޝަރީފް
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ޚާއްސަ ގާނޫނު އިސްލާހުކޮށްފި ނަމަ އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުގައި އެ އިންތިޚާބު ބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ރޭ ޕީއެސްއެމްގައި ވާހަކަދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ، އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަށް އިސްލާހުތަކެއް އެ ކޮމިޝަނުން ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ، އެ އިސްލާހުތައް މަޖިލީހުން އަވަހަށް ފާސްކޮށްފި ނަމަ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން މަދުވެގެން 60 ދުވަހުގެ މުއްދަތު ލިބޭނެ ކަމަށެވެ.

އިލެކްޝަން ކޮމޮޝަންގެ ރައީސް ވިދާޅުވީ، އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ޚާއްސަ ގާނޫނުގައި އޮތް އޮތުން ބަދަލުކޮށް ތާރީޚެއް ކަނޑައެޅުން އިލެކްޝަނަށް ބާރުދޭން ހުށަހަޅާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮމިޝަނުގެ މެމްބަރުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ނިންމުނީ އެންމެ ލަސްވެގެން ޖެނުއަރީ މަހުގެ ތެރޭގައި ގާނޫނު އިސްލާހުވެގެންނޭ އިންތިޚާބު ބޭއްވޭނީ 3 އެޕްރީލްގައި." ޝަރީފް ވިދާޅުވި އެވެ.

ގާނޫނަށް އިސްލާހު ހުށަހަޅަން އީސީން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުން އަންނަނީ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރި ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހަލާތު ކުރިމަތިވުމުގެ ސަބަބުންނެވެ. އާ ކައުންސިލަރުން އިންތިހާބު ކުރުން ލަސްވުމާ ގުޅިގެން، ކުރިން ތިބި ކައުންސިލަރުންގެ ދައުރު ވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދައުރު ދަންމާލާފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، މިދިޔަ މާރިޗު މަހު ސަރުކާރުން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހޯމަ ދުވަހު ވަނީ އަނެއްކާވެސް އިތުރު ކޮށްފައެވެ. މިއީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 10 ވަނަ ފަހަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުން ގެންދާތީ ކައުންސިލް އިންތިޚާބު މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން