‏ދެއިރު ދެދަޅަޔަށް ކާ ބޭހެއްހެން، ޥެރިކަން ހިންގުމުގެ ނިޒާމާ ކުޅުމަކީ ނުކިއްސަރު ކަމެއް ކަމަށް މާލެ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ކަމާގުޅޭ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ދަޢުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވުމާއި ގުޅިގެންނެވެ.

ވެރިކަމުގެ ނިޒާމާއި ކުޅެ ގާނޫނުތައް އެހާ އަވަސްއަވަހަށް ބަދަލުކުރުމަކީ ސާބިތުކަން ގެއްލޭ ކަމެއް ކަމަށް ވިދާޅުވެ އަލްހާން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.



"ދެއިރު ދެދަޅަޔަށް ކާ ބޭހެއްހެން، ވެރިކަން ހިންގުމުގެ ނިޒާމާ ކުޅުމަކީ ނުކިއްސަރު ކަމެއް! ޤާނޫނުތަކަކީ އެހާ އަވަސްއަވަހަށް ބަދަލުކުރަންޖެހޭ އެއްޗަކަށްވުމަކީ، ޤާނޫނީ ދައުލަތުހެ ނިޒާމުގެ ހަމަޖެހުމާ ސާބިތުކަން ގެއްލޭނެކަމެއް!

އަނެއްކާވެސް ޖެހި މަޅީގައި އަމިއްލައަށް ޖެހުނީ ދެއްތޯ؟" އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އިންތިޚާބާބެހޭ ޚާއްޞަ ގާނޫނަށް އިސްލާހެއް ހުށައެޅުއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

‏"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން މިދަނީ އެކުލަވާލަމުން. އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނަން." ބަންޑާރަ ނާއިބު ވިދާޅުވެފައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުން ގެންދާތީ ކައުންސިލް އިންތިޚާބު މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ޚާއްސަ ގާނޫނު އިސްލާހުކޮށްފި ނަމަ އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުގައި އެ އިންތިޚާބު ބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން