ސިޔާސީ ވެރިން ނުކުމެ ގާނޫނާ ހިލާފު އަނިޔާވެރިކަމަށް ބާރުއަޅާނަމަ ގާނޫނާއި ގަވާއިދުތައް ފުނޑުފުނޑު ވާން ފަށާނެ ކަމަށް ވިދާޅުވެ އެމެރިކާގައި މިއަދު ހިނގަމުންދާ ކަންކަމާއި 8 ފެބްރުއަރީ 2012ގައި ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުންތައް ސިފަވާފަފަ މޭރުމަކުން ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޣައްސާން މައުމޫން އެހާދިސާ ސިފަކުރަށްވައިފިއެވެ.

ޣައްސާން މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ރިއާޔަތް ކުރަށްވައެވެ. އަދި މިފަަދައިން މި ދިވެހި ރާއްޖޭގައިވެސް ކަންތައް ހިނގާފައިވާކަމަށްް ޣައްސާން ވަނީ ވިދާޅުވެފައެވެ.

"އެކްސްޓްރީމިސްޓުން ސިޔާސީ ވެރިންގެ ގޮތުގައި ނިކުމެ ގާނޫނާ ހިލާފު އަނިޔާވެރިކަމަށް ބާރުއަޅާނަމަ ގާނޫނާއި ގަވާއިދުތައް ފުނޑުފުނޑު ވާން ފަށާނެ. ދިވެހި ރާއްޖެވެސް މިފަދަ ދުވަހަކާ ކުރިމަތި ލާންޖެހުނު 2012 ވަނަ އަހަރު 8 ފެބްރުއަރީ ގައި. އުއްމީދަކީ އެމެރިކާގައިވެސް އާންމު ހާލަތަކަށް ރުޖޫއަވެ ޑިމޮކްރަސީގެ ރީތީ އުސޫލުތަކުގެ މަތީގައި ކުރިއަށް ދިއުން." ޣައްސާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންގެ ކާމިޔާބީ އެމެރިކާގެ ކޮންގްރެސްއިން ބަލައިގަތުމާ ގުޅުވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހިނގާދިޔަ ހަމަނުޖެހުމާއެކު އެކި ގައުމުތަކުގެ ސިޔާސީވެރިން ވަނީ ޓްރަމްޕް އަށް ފާޑުކިޔާފައެވެ. ބައިޑަންގެ ކާމިޔާބީ އެމެރިކާގެ ކޮންގްރެސްއިން ބަލައިގަތުމާ ގުޅިގެން މުޒާހަރާ ކުރުމަށް ގޮވާލައްވާފައިވެސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

މިކަމާ ގުޅުވައިގެން ދިވެހި ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އެމެރިކާގައި ހިނގަމުންދާ ހަމަނުޖެހުމަކީ ބަޣާވާތެއް ކަމަށް ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވަނީ ބަޣާވާތަކީ ކޮން އެއްޗެއްކަން އެމަނިކުފާނު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރައްްވާފައިވާކަމަށެވެ. އަދި ޑިމޮކްރަސީ އަށް ގޮންޖެހުންތައް ކުރިމަތިވެފައިވަނީ އެމެރިކާގައި އެކަނި ނޫން ކަމަށާއި މިނިވަން ޑިމޮކްރަސީއެއް ދެމެހެއްޓުމަށް މުޅި ދުނިޔޭގައިވެސް އެކި ހުރަސްތައް ކުރިމަތިވެފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން