ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ޖަމާކޮށްގެން ކިތަންމެ ބޮޑު ކޯލިޝަނެއް ހަދައިގެން ހުންނެވިޔަސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބަލިކޮށް އިދިކޮޅު ކޯލިޝަނުން އަލުން ވެރިކަމަށް އަންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީތަކުން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ސައީދު ވިދާޅުވީ ސަރުކާރުގައި ފަސް ބައިވެރިން ތިބި ކަމަށެވެ. ސައީދު ވިދާޅުވީ، އެއީ އެމްޑީޕީއާއި ޖޭޕީއާއި އަދާލަތު ޕާޓީއާއި، އެމްއާރުއެމްގެ އިތުރުން އެމްޓީޑީ ކަމަށެވެ.

ސައީދު ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުންގެ އަތުގައި އާމްދަނީއާ ނުބައްދަލު އެތައް މުދަލެއް ވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެ ބޭފުޅުންގެ މެދުގައި ވެސް ނަފްރަތާއި ވާދަވެރިކަން އިންތިހާއަށް އޮވެ ވެސް މިއަދު އެކުގައި ތިބި ސަބަބަކީ އެ އެންމެންގެ ހިތުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ނަފްރަތާއި ހަސަދަވެރިކަން ބޮޑުވުމުން ކަމަށެވެ.

"ރައީސް ޔާމީންގެ ގެދޮރާއި އަތްޕުޅުގައި ހުރި ހުރިހާ އެއްޗެއް ނަގައި ގެންދިއުމުގެ ކަރު ހިއްކުމެއް ކޯލިޝަންގެ ލީޑަރުންގެ އޮވޭ. ރައީސް ޔާމީނާ ދޭތެރޭ އޮންނަ ޒާތީ ހަސަދައަކާއި ބަދަލު ހިފުމުގެ ރޫހެއް އާދަޔާ ހިލާފަށް މި ސަރުކާރުގެ ކޯލިޝަންގެ އެ އިސްވެރިންގެ އޮވޭ. ޝަރުއީ ނިޒާމުގެ ތެރެއަށް ހަތަރެސްފައި ބާނައިގެން މިހާރު އެ ހިންގާ ހަޑިމުޑުދާރު އަމަލު އިތުރު ލެވެލްއަކަށް އެ ގެންދިޔައީ،" ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

މި ކަންކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އިންސާފާއި ޑިމޮކްރެޓިކް ހަމަތަަކުގެ މަތިން ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުންނަށް ނުދޭ "އަނިޔާއެއް" މިހާރު ނެތް ކަމަށެވެ. އިއްޔެ ކްރިމިނަލް ކޯޓު ސަރަހައްދަށް ޖަމާވެ ތިއްބައި ފުލުހުން އައިސް އެ ކޯލިޝަންގެ ސަޕޯޓަރުންތަކެއް ހައްޔަރުކުރި ކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ސަރުކާރު ކޯލިޝަންގެ ލީޑަރުން މި ވަގުތު ތިއްބެވީ ކުރީގެ ނައިބު ރައީސް އަދީބާއެކު "ޓަގް ބޯޓެއް" ގައި ކަމަށް ސައީދު ވިދާޅުވިއެވެ. ސަމާސާ ރާގަކަށް ސަރުކާރުގެ ލީޑަރުންނަށް ފާޑުވިދާޅުވެ ސައީދު އިޝާރާތް ކުރެއްވި "ޓަގް ބޯޓު"ގެ ވާހަކައަކީ އަދީބު ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން ވެގެން ދަތުރުކުރެއްވި ޓަގު ބޯޓަށެވެ.

ސައީދު ވިދާޅުވީ، އަދީބާއި ކޯލިޝަންގެ އެހެން ސިޔާސީ ލީޑަރުން އަރިހުގައި ބައިތިއްބަވައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކިތަންމެ ބޮޑު ކޯލިޝަނެއް އުފައްދަވައިގެން ހުންނެވިޔަސް ޕީޕީއެމާއި ޕީއެންސީއިން އެމަނިކުފާނު ބަލިކުރާނެ ކަމަށެވެ. އަދި ޖަލުގައި ބަންދުކޮށްފައި ބެހެއްޓެވިޔަސް ރާއްޖޭގެ ވެރިކަމުގެ ގޮނޑިއަށް ރައީސް ޔާމީން އަނބުރާ ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ދިވެހިރާއްޖޭގެ ވެރިކަމުގެ ގޮނޑީގައި ޕީޕީއެމް ޕީއެންސީއިން ﷲގެ އިރާދަފުޅާ އެކީ ބައިންދާނަން. ކިތަންމެ ބޮޑު ކޯލިޝަނެއް އޮތަސް ދިވެހި ރައްޔިތުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހަމަ ބިމަށް ތިރިކުރާނެ. ރައީސް ޔާމީން ގެނެސް ވެރިކަމުގެ ގޮނޑީގައި އިންޝާﷲ އަޅުގަނޑުމެން ބައިންދާނަން." ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވިއިރު ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަކަށް ވާދައެއް ނުކުރެއްވޭނެއެވެ. އެކަމަކު ވެސް ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު، ޕްރައިމަރީއަކާ ވެސް ނުލައި، މިހާރު ވަނީ ރައީސް ޔާމީނަށް ދިނުމަށް އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން