ލ. ފޮނަދޫ ހެލްތް ސެންޓަރ
ލ. ފޮނަދޫ ހެލްތް ސެންޓަރ
ލ. ފޮނަދޫއިން ހަތަރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މި ހަތަރު މީހުންނަކީ ގއ. ދެއްވަދޫއަށް ދަތުރު ކުރި ބައެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމީހުން ދެއްވަދޫއަށް ދަތުރު ކުރުމަށް ފަހު އެނބުރި އެ ރަށަށް ދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެމީހުން ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. ބައްޔަށް ޕޮޒިޓިވްވި 4 މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފޮނަދޫ އިން ޕޮސިޓިވްވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. އަދި އޭގެ ތެރޭގައި ދެއްވަދޫ މީހަކާއި އިނދެގެން އުޅޭ ފޮނަދޫ މީހަކު ހިމެނޭ ކަމަށާއި އެމީހުން އެ ރަށަށް ދިޔައީ ސްކޫލް ބަންދާއި ދިމާކޮށް ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެރަށުން ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދެއްވައި އިޖްތިމާއީ ގައިދުރުކަން އިސްކުރުމަށް މޫސާ ސިރާޖް ވަނީ އެރަށުގެ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.



ފޮނަދޫ އިން ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗްއީއޯސީން ވަނީ، ލ. ފޮނަދޫ އާއި ގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މިހާރު އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރިއަށް ގެންގޮސް، ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން ޔަގީންކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިވަގުތު މި ދެ ރަށަށްވެސް އަރައި ފޭބުމަކީ މަނާކަމެކެވެ. ގއ.ދެއްވަދޫއިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވް ވީ 24 ޑިސެމްބަރުގައެވެ. އޭގެ ފަހުން އެރަށުން އިތުރުބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށްވެސް މިހާރު އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން