އަދުރޭ ވިދާޅުވަނީ "ބާޒުތަކަށް" ފާރަވެރިވާނެ ކަމަށް
އަދުރޭ ވިދާޅުވަނީ "ބާޒުތަކަށް" ފާރަވެރިވާނެ ކަމަށް
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ކޮންޓްރޯލް ޖަހައިގަންނަން ބޭނުންވާ "ބާޒުތަކަށް" ފާރަވެރިވާނެ ކަމަށާއި އެ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީންގެ އިތުބާރު ކޯލިޝަންގެ ލީޑާޝިޕަށް އެބަ އޮތް ކަމަށް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދުރޭ މިހެން ވިދާޅުވީ، "ޕީޕީއެމްގެ އެތެރެ އޮތީ ބައިބައިވެފައި، ލީޑާޝިޕަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާ،" މި ސުރުޚީގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ ކުރެއްވި ޓްވީޓްގައި އެ ލިޔުން ސިފަ ކުރައްވާފައިވަނީ ޕީޕީއެމްއާއި ޕީއެންސީ ބައިބައި ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އަދުރޭ ވިދާޅުވީ އެއީ ބޭކާރު މަސައްކަތެއް ކަމަށެވެ.

"ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕަށް އެބަ އޮތް، މިތިބީ ވަރަށް ރަނގަޅަށް ލޯ ހުޅުވައިގެން ބާޒުތަކުގެ ހަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލައިގެން،" އަދުރޭ ވިދާޅުވެފައިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ ޖަލަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ލީޑް ކުރައްވާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ މެންބަރުންނަށް ވެސް އިލްތިމާސްތަކެއް ކުރައްވައިފައެވެ.

އެގޮތުން އެ ޕާޓީއަށް ހެޔޮ ނޭދޭ "މިނިކާ ބާޒުތަކެއް" ޕާޓީއަށް އޮތް ސަޕޯޓް ފެނި ޕާޓީގެ ލީޑާޝިޕް ހޯދަން އުޅޭނެ ކަމަށާއި އެ ފުރުސަތު ނުދެއްވުމަށް ރައީސް ޔާމީން އިލްތިމާސްކުރެއްވި ކުރެއްވުން ހާއްސަކޮށް ފާހަގަކުރެވެއެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުގައި ބާޒުތަކެއްގެ ގޮތުގައި ސިފަ ކުރެއްވީ ކަނޑައެޅިގެން ކޮން ބަޔަކަށްކަން ހާމަކުރަށްވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރަށްވަން ފެށްޓެވި ފަހުން އެމަނިކުފާނުގެ އެންމެ ދުޝްމަނުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން