މުހައްމަދު ލަތީފް (ކ) އަލީ ނިޒާރު (ވ)
މުހައްމަދު ލަތީފް (ކ) އަލީ ނިޒާރު (ވ)
އައްޑޫ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ އައްޑޫގައި މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އެ މަގާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ މުހައްމަދު ލަތީފު ވިދާޅުވުމުން އެމަގާމަށް އެންޑީޕީން ވާދަކުރަށްވާ ޢަލީ ނިޒާރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާ ސަރުކާރުން އިމާރާތްކުރާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް، ލަތީފު ވިދާޅުވުމުން އެކަމަށް ރައްދުދެއްވަމުން މަލާމާތުގެ ރާގެއްގައި އަލީ ނިޒާރު ވިދާޅުވީ، ލަތީފަށް މޭޔަރުކަން ލިބިވަޑައިގެންފި ނަމަ "ގަމުގެ ރަންވޭ ދުވާ ޓްރެކަކަށް ހެދުން ވެސް ގާތް" ކަމަށެވެ.

މީގެ އިތުރުން އަލީ ނިޒާރު ވިދާޅުވީ، ފޭދޫ އަދި މަރަދޫގެ ބޮޑު މަގަށް ހަދާލި ގޮތް ބަލަން ތިބީ ރައްޔިތުން ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި އެ މަގުތައް ޗަކަބިންތަކަކަށް ވެ ހަލާކުވެގެން ދިޔަ އިރު ވެސް އަޅާނުލައި ދޫކޮށްލީ ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރައްވައެވެ.

ޢަލީ ނިޒާރު ވިދާޅުވީ ތަންތަން ބަދަލުކުރުމުގެ ނުވަތު ހަލާކުކުރުމުގެ ފިކުރަކީ "ވިރާނާވެފައިވާ ފިކުރެއް" ކަމަށެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރޭނިން ސްކޫލެއް އަޅަމުންދާއިރު އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސުވާލަށް އައްޑޫ ކައުންސިލުން ވެސް، ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އެމްބަސީން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

"މިއަދު ވެސް މި ބުނަނީ އިންޑިއާގެ ހައިކޮމިޝަނުން ސްޓޭޓްމެންޓެއް އިޝޫކޮށްލަ ބަލާށޭ މި ޓްރޭނިން ސްކޫލް އަޅައި ނިންމުމަށްފަހު ތިމަންނަމެންގެ މީހުން އެތަން ދޫކޮށްފައި ދިވެހި ފުލުހުންނާއި ހަވާލުކޮށްފައި ދާނެއޭ. އެކަމެއް ނުކުރެއޭ އިނގޭތޯ" ލަތީފް ވިދާޅުވިއެވެ.

މިއީ އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ލަތީފް ވަނީ މޭޔަރު ކަމަށް އިންތިހާބު ވެއްޖެނަމަ އެތަނާ މެދު އޭނާ ގެންގުޅޭ ތަސައްވުރު ވެސް ހާމަކުރައްވާފައެވެ.

"މި މިލިޓަރީ ބޭސް ހަދަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ލޮކޭޝަނުގައި. ހަދަމުންދާއިރު ސިޓީގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭ. ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ މިތަން. އިދާރަކުރެވިއްޔާ އަޅުގަނޑަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން." އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން