ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ، އަހުުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ، އަހުުމަދު އަބްދުﷲ ދީދީ
އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވާލުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ހާއްސަ ސިފައެއް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ، އަހުުމަދު އަބްދުﷲ ދީދީ ސަރުކާރަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ދީދީ މިހެން ވިދާޅުވީ ސަރުކާރުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް ހުރަސްއަޅާ ކަމަށް ސަރުކާރާއި ވާދަވެރި ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއް. އެނގެންޖެހޭ ޙަޤީޤަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަން. ޚުދުމުޚުތާރު ވެރިކަން މާތްالله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަން." ޑރ. އަހުުމަދު އަބްދުﷲ ދީދީކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޑރ. ދީދީއަކީ މިހާރު މީސް މީޑިއާގައި އާއްމުކޮށް ސަރުކާރަށް ވަރަށް ގިނައިން ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ރައީސް ޔާމިންގެ ވެރިކަން ނިމުމާއެކު ޑރ. ދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ.



ޑރ. އަހުުމަދު އަބްދުﷲ ދީދީ އަކީ މަޝްހޫރު އެކެއް ފެބްރުއަރީގެ ބޮޑު ހުކުމް ދެގޮތަށް ނެރުއްވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ޖަލަށް ހުކުމް ކުރި ސިޔާސީ ލީޑަރުންނާއި އެކި މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރުގައި ތިއްބެވި ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އޭރުގެ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ވެސް އަދި އޭގެ ފަހުން އެއަމުރުގެ ބައިތައް ބާތިލުކޮށް ނެރުނު އަމުރުގައި ވެސް ޑރ. އަހުުމަދު އަބްދުﷲ ދީދީ ވަނީ ސޮއިކުރަށްވާފައެވެ.

ފަނޑިޔާރު ދީދީ އުއްތަމަ ފަނޑިޔާރުކަމުން ވަކިކުރީ ސަރުކާރު ބަދަލުވެ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ ލިބުމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް މިހާރުގެ އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވިދާޅުވާ އެންމެ ބޮޑު އެއް ސަބަބަކީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމިން ޖަލުގައި ހައްޔަރު ކުރުމެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އިއްވާފައިވީ ނަމަވެސް މި ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި މިއީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އަޑު ކަނޑުވާލުމަށް މިހާރުގެ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމުގައި ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން