ވެމާކޯގެ އުޅަނދުތަކެއް
ވެމާކޯގެ އުޅަނދުތަކެއް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނިއެޅުމާ ގުޅިގެން އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ކުންފުނި 1.1 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ވެމާކޯ ޖޫރިމަނާކުރީ ގަސްތުގައި ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ޤާނޫނުގައިވާ ކަންކަމާ ޚިލާފުވެފައިވާތީއެވެ.

މި މައްސަލައިގައި އީޕީއޭއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާ މައްސަލަތަކެއް އެ އޭޖެންސީއަށް ތަކުރާރުކޮށް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން ލޭންޑިންގް ކްރާފްޓަށް ކުނި ބަރުކުރުމުގައި މޫދަށް ކުނި އެޅޭ މައްސަލައާއި، އުޅަނދަށް އަޅާފައިވާ ކުނި ކަވަރުނުކޮށް ކުނި އުފުލުމުގެ ސަބަބުން މޫދަށް ކުނި އެޅޭ މައްސަލަ އަދި އުޅަނދު ފަހަރުން ތިލަފުއްޓަށް ގެންދާ ކުނި އަންލޯޑު ކުރުމުގައި ފަޅުތެރެއަށް ގިނަ އަދަދަކަށް ކުނި އެޅޭ މައްސަލަތައް އެ އެޖެންސީން ކުރިއަށްގެންދާ ރެންޑަމް އިންސްޕެކްޝަންތަކުންވެސް ފާހަގަކުރެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

ވޭތުވެދިޔަ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކިފަހަރު މަތިން އެކަމާ ގުޅޭގޮތުން ވެމްކޯއަށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެެވެ.

އީޕީއޭއިން ބުނީ ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައި ވާތީ އާއި ކުނި އުފުލުމުގެ މަސައްކަތްކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުން ދިޔުމާ ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައި ނުވާތީވެ، އެ ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ ދަށުން އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން -/1,128,750 (އެއްމިލިއަން އެއްސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އިއްޔެ ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ވަނީ ވެމްކޯއަށް އަންގާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ޤާނޫނުގައި ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭގޮތަކަށް ރާއްޖޭގެ އެއްވެސް ތަނަކަށް ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެ ކަމަށް ވަރަށް ސާފު އިބާރާތުން ބަޔާންކުރެވިފައިވެއެވެ. އަދި އެޤާނޫނުގައި ބަޔާންކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތިއުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށް ކަމަށާއި އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ މީހުންގެ ސިއްހަތަށް ގެއްލުން ނުވާގޮތަށް އެކަށީގެންވާ ރައްކާތެރިކަމާއެކުގައި ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން