ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރާއްޖޭގައި ދެ ވަނައަަށް އެންމެ އާބާދީ ބޮޑު، އައްޑޫ ސިޓީން ފެންނަން އޮތް އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި، ފްލައިން ސްކޫލްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް ކަމަށާއި، އެކަމަކު ވޭތުވެދިޔަ ދެއަހަރު ވެސް ޤައުމު ވީ ފަޤީރުކަމަށެވެ. އަދި ވިދާޅުވީ ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް ޚާއްސަކޮށް އައްޑޫއަށް އެންމެ ލާރިއެއް ވެސް ނުލިބުނުކަމަަށެވެ.



”ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް. އެކަމަކު މިދިޔަ 2 އަހަރު ޤައުމުވީ ފަޤީރު. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް ޚާއްސަކޮށް އައްޑޫއަށް އެންމެ ލާރިއެއް ވެސް ނުލިބުނު. ވަޒީފާ/ޕާޓީ މަޤާމެއް ނުދިން. އެކަމަކު ރައީސް ‎ޞާލިޙްގެ ޢާއިލާއަށް ހުރިހާ މަޤާމެއް. ޕާޓީގެ ބޮޑުން މަޖިލީހުގެ އެންމެ މަޤާމެއް ވެސް އައްޑޫ ރައްޔިތަކަށް ނޫނީ ޢާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް.“ ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް މި މޭރުމުން އެމްޑީޕީއަށް ފާޑުވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބު ވެއްޖެނަމަ މިހާރު އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރަށްވާ ކެންޑިޑޭޓު މުހައްމަދު ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ނަޝީދު ސުވާލުކުރެއްވިއެވެ.

"އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން." ނަޝީދު ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ، ޕޮލިސް އެކެޑެމީ އަޅަމުން އަންނަނީ، އައްޑޫގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މަންޒިލްގައި ކަމަށާއި އޭނާއަށް މޭޔަރުކަން ލިބިއްޖެނަމަ އެތަން ޓޫރިސްޓު ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން