ސައީދު (ކ) މާރިޔާ (ވ)
ސައީދު (ކ) މާރިޔާ (ވ)
ދިފާއި ވަޒީރު މާރިޔާ އަހުމަދު ދީދީ އަށް ދިވެހި ސިފައިންނަކީ، ”ފިނދަނަ ތަކެއްގެ“ ގޮތުގައި ފެނުނަސް ދިވެހިރާއްޖޭގެ ރައްޔިތުން، އަބަދުވެސް ދިވެހި ސިފައިންނާމެދު ފަހުރުވެރި ވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މިއަދު ސިފައިން ފެންނަނީ ޕްރޮފެޝަނަލް ފޯސްއެއްގެ ގޮތުގައި ކަމަށާއި، ސިފައިން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވުމާ ގުޅިގެން އެކަމަށް ރަށްދު ދެއްވަމުންނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިފައިން އުފެދުނީއްސުރެއް މިއަދާ ހަމައަށް އައި އިރުވެސް އެތެރެއާއި ބޭޭރުން އަމާޒުކުރި، ކޮންމެ ހަމަލާއެއްގެ ފަހަތުގައި ތިބީ ކޮން ދިވެހިންނެއްތޯ ހިތްޕުޅަށް ގެނައުމުން، މިނިސްޓަރ މާރިޔާގެ ސުވާލުތަކަށް ޖަވާބު ލިބިގެން ދާނެ ކަމަށެވެ. އަދި ސައީދު ވަނީ މައުސޫމް އެތައް ރައްޔިތެއްގެ ލޭ ހުރީ ކޮން ސިޔާސީ އަތްތަކެއްގައި ތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ސައީދު ވިދާޅުވީ، ސިފައިން އަބަދުވެސް ތިބީ މާތްﷲ ގަންދީ ކުރި ހުވާގެ މަތީގައި ކަމަށާއި، މިނިސްޓަރ މާރިޔާއަށް ސިފައިން ”ފިނދަނަ“ ތަކެއްގެ ގޮތުގައި ފެނިވަޑައިގެންނެވިޔަސް ސިފައިންގެ ހިދުމަތަށް ދިވެހިން އަބަދުވެސް ފަހުރުވެރި ވާނެ ކަމަށެވެ. އަދި އިސްލާމް ދީނާއި ގާނޫނު އަސާސީ އާއި ހިލާފުވާނަމަ ވެރިން ދުރުކުރުމަކީ ވާޖިބެއް ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.



ސިފައިންގެ މަޖައްލާ އައްޑަނައިގެ މި ހަފްތާގެ އަދަދުގައި މިނިސްޓަރ މާރިޔާ ވަނީ، ސިފައިން ސިޔާސީ ނުފޫޒުން ދުރުކުރެވިފައި ވާކަމަށާއި، ރައްޔިތުން ލޯބިވާ ބައެއްގެ ގޮތުގައި ސިފައިން ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ނިމިދިޔަ 2019 ވަނަ އަހަރަކީ ސިފައިންނަށް އެތައް ދޮރުތަކެއް ފަހިވެގެން ދިޔަ އަހަރެއް ކަމަށްވެސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން