ގއ. ދާންދޫ
ގއ. ދާންދޫ
ގއ. ދާންދޫ އާއި އެއަތޮޅު ވިލިނގިލިން ވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނި ދެ ރަށަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިންގ ގެ ޙާލަތަށް ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، އެ ދެރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނައީ ދެއްވަދޫ ކުލަސްޓާއާ ގުޅުންހުރި ބަޔަކު ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. އެގޮތުން ދާންދޫން ދެ މީހަކު އަދި ވިލިނގިލިން އެކަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއެކު ދެއްވަދޫ ކްލަސްޓަރ އިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 44 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ ދާންދޫ އާއި ވިލިނގިލީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށަފާއިވާ ކަމަށެވެ. މި ކޭސްތަކާ ގުޅޭ އިތުރު ތަފްސީލު މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގައި ދޭނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތަކެއް ހުޅުމާލެއާއި، ލ. ގަމާއި ފޮނަދޫންވެސް ފެނިފައިވާއިރު، ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން ދެއްވަދޫން 35 މީހަކު ޕޮޒިޓިވްވެފައިވާއިރު ހުޅުމާލެ ފްލެޓަކުން 2 މީހަކާއި ލ. ފޮނަދޫއިން 4 މީހުން ވަނީ މި ކްލަސްޓަރގެ ތެރެއިން ޕޮޒިޓިވް ވެފައެވެ.

ދެއްވަދޫން 200 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާ އިރު، މިހާރު ވެސް ސާމްޕަލް ނަގަމުން އެބަ ދެއެވެ. އަދި ލ. އަތޮޅުގެ ރަށްތަކުންވެސް ދަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. މީގެ އިތުރުން ގއ. އަތޮޅުގެ ބައެއް ރަށްތަކާއި، ގދ. ތިނަދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ވިލިނގިލިން ޕޮޒިޓިވް ވެފައިވަނީ އެ ރަށުގައި ހުންނަ، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ކިޔަވާ ދަރިވަރެކެވެ. ދަރިވަރު ޕޮޒިޓިވް ވުމާއި ގުޅިގެން ސްކޫލް ވެސް ވަނީ ބަންދުކޮށްފައެވެ. މި ދެރަށް މޮނިޓަރިން އަށް ލާފައިވާ އިރު އާދައިގެ މަތިން މި ދެ ރަށުން ވެސް އެ އަތޮޅުގެ އެހެން ރަށް ރަށަށް އަދި ގދ. އަތޮޅަށް ވެސް މީހުން ވަނީ ދަތުރުކޮށްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،277 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސަސްގެ ޢަދަދަކީ 717 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން