ކޯވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގާ އާރްއާރްޓީން ރީކޯގެ މައުލޫމާތު ލިޔަނީ
ކޯވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގާ އާރްއާރްޓީން ރީކޯގެ މައުލޫމާތު ލިޔަނީ
މާލެ އޭރިއާގައި ކޮވިޑް ރެންޑަމް ސާމްޕަލް ނަގާ ފްރަންޓްލައިން އޮފިޝަލުންގެ އެންމެ ހައްސާސް ޝަކުވާއަކީ ގިނަ މީހުން އެކަމާ ދެކޮޅު ހެދުން ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް، ރީކޯ މިހެން ވިދާޅުވީ، ރޭ މަގުމަތިން އަމިއްލައަށް އެދިވަޑައިގެން ސާމްޕަލް ނެންގެވުމަށް މަޑުކޮށްލެއްވުމުން އާރްއާރްޓީގެ އޮފިޝަލުން ދެއްކެވި ވާހަކަތަކަށް ޢިޝާރާތް ކުރަށްވައި އޮފިޝަލުންގެ ޝަކުވާތައް "ރަސް އޮންލައިން"އާ ހިއްސާކުރައްވަމުންނެވެ.

މޫސަ ވިދާޅުވީ، އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަގުމަތިން ރެންޑަމްކޮށް ސާމްޕަލް ނަގަން އާންމުންގެ އެއްބާރުލުން ނުލިބުމެވެ.

މަދު ބަޔަކު އިސްވެ ސަމްޕަލް ނަގަން އެދުނު ނަމަވެސް، ގިނަ މީހުން އެކަމަށް ދެނީ ފުރަގަސް ކަމުގައި މޫސަ ވިދާޅުވިއެވެ. އާރްއާރް ޓީމްގެ މެންބަރުން ކުރަށްވާ ބުރަ މަސައްކަތާއި އެމީހުންގެ ހިތްވަރަށް ތަޢުރީފު ކުރަށްވަމުން ރީކޯ މޫސަ ވިދާޅުވީ ބައެއް މީހުން ސާމްޕަލް ނަގަން އެއްބަސް ކުރުވަން އެބޭފުޅުން އާދޭސް ކުރަށްވާ ކަމަށެވެ.

“އެއީ ކިހާމުހިންމު ކަމެއްކަން މީހުންނަށް ނުވިސްނޭކަމީ ވަރަށް ހިތާމަހުރި ކަމެއް. މާލެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު ބެލުމަށް އެކުރާ މަސައްކަތަކީ ކިހާ މުހިންމު ކަމެއްކަން ގިނަ މީހުންނަށް ނުވިސްނުމަކީ ވަރަށް ދެރަ ކަމެއް.” އެ ބޭފުޅުންގެ މަސައްކަތަށް އެއްބާރުލުންދީ ސާމަޕަލް ނަގަން ހިތްވަރު ދެއްވަމުން މޫސަ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ، އެ ބޭފުޅުންނަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އަދި މި ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް ޓެސްޓް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރީކޯ މޫސަ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން