ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންތަކެއް އަނެއްކާ ވެސް ނަން އަނބުރާ ގެންގޮސްފިއެވެ.

މި ގޮތުން ޖުމުލަ 08 ކެންޑިޑޭޓެއްގެ ނަން މި ރޭ ވަނީ އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަން ރޭ ހާމަކުރިގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެތެރެއިން އިތުރު 13 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ 08 ކެންޑިޑޭޓަކު ހިމެނެއެވެ.

ނަން އަނބުރާ ގެންދިޔަ 13 ކެންޑިޑޭޓުންގެތެރެއިން 08 ކެންޑިޑޭޓުންނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ކެންޑިޑޭޓުންނެވެ. ބާކީ ތިބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީގެ ފަރާތުން ކުރިމަތިލި ފަސް ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީން ކުރިމަތިލި ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓެކެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ވާދަކުރައްވަން ނިންމެވި ކެންޑިޑޭޓުންގެތެރެއިން ނަންއަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީގެ ފަރާތުން ކުރިމަތިލި ތިން ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓުންނެވެ.

ހުސްވި އަހަރު ނޮވެމްބަރު 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބުން މިހާރު ވަރަށް ގިނަ ކެންޑިޑޭޓުންގެ ނަން އަނބުރާ ނަންގަވަމުންދާކަމަށާއި އެކަމާމެ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

”ދެން ބައެއް މީހުން ނަން އަނބުރާ އެބަގެންދޭ. އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުގެ ޙަޤީޤަތުގައި ވަރަށް ބޮޑު އާދޭހަކީ ނަން އަނބުރާ ނުގެންދަވާށޭ. އަޅުގަނޑަށް ވެސް އެނގޭ އުނދަގޫކަން. ބައިވަރު ބޭފުޅުން ނަން އަނބުރާ އެބަގެންދޭ“ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި ބީދައިން ވިދާޅުވިއިރު, އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފަައިވަނީ ވެސް އެ ޕާޓީގެ ކެންޑިޑޭޓުންނެވެ.

އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން އެންމެ އަވަހަށް ކުރިމަތިލާންޖެހޭ ބޮޑު އިމްތިހާނަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުކަމަށާއި, ނަމަވެސް އެ އިންތިޚާބު ކާމިޔާބުކުރަން އެމްޑީޕީއަށް އެހާ ފަސޭހަ ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ދައުރުގެ މެދުތެރެއިން ކުރިމަތިލާންޖެހޭ އިންތިޚާބެއް އެހާ ފަސޭހަނުވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާކަމަށްވާތީ އެ މަޖިލީހުގެ އެހީތެރިކަމާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކާމިޔާބު ލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވަނީ ނަން އަނބުރާ ނުގެންދެއުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އާދޭސް ދަންނަވާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެންމެ ފުރަތަމަ ތާވަލުކުރީ ހުސްވި އަހަރުގެ އޭޕްރީލްމަހުގައި ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމާއެކީ ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް އިންތިޚާބު މި އަހަރަށް ފަސްކުރިއެވެ.

އޭރު މަޖިލީހުން ފާސްކުރި ބިލު ތަޞްދީޤުކުރައްވާތާ އެއްއަހަރުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ. އެ ދުވަސް ހަމަވާނީ އަންނަ މެއި މަހުގެ 09 ވަނަ ދުވަހަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގައި ވާގޮތުން އިންތިޚާބު ބޭއްވޭނެ ތާރީޚު އިޢުލާންކުރެވޭނީ ކޮވިޑާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާތާ 07 ދުވަސްތެރޭގައެވެ. އެ ގޮތުން އެޗްޕީއޭގެ ހުއްދައާއި ނުލައި އިންތިޚާބު ބޭއްވުމުގެ ބާރެއް އީސީއަކަށް ލިބިގެނެއްނުވާކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ނަމަވެސް މިހާރު ވަނީ އަނެއްކާ އިންތިޚާބާބެހޭ ވަގުތީ ގާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށައަޅާފައެވެ. މި އިސްލާހަކީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭގޮތަށް ބައްޓަންވެފައިވާ އިސްލާހެކެވެ.

މިގޮތުން ދައުރުން ބޭރުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އޮތީ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި އިބްތިދާއީ ބަހުސް ބާއްވާނީ މި މަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން