ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފަށައިފިއެވެ. މިއާއެކު ރާއްޖޭގެ ކޯވިޑް-19ގެ ދެވަނަ ރާޅު ބިންދާލާފައި މިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ.

އެޗްއީއޯސީން އެންމެ ފަހުން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފެސިލިޓީސްތަކުން ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު ވަނީ 205 އަށް އަރާފައެވެ. އެކަމާގުޅިގެން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވަނީ، ފަތުރުވެރިކަމުގެ ގައިޑްލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި މިހާރު ލިބިފައިވާ ކުރިއެރުން ފަހަތަށް ސޮއްސާލަން ފުރުސަތު ނުދިނުމަށްވެސް ޑރ. މައުސޫމް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ހުރި ކޯވިޑް ކޭސްތަކުގެ މަޢުލޫމާތު ދެއްވަމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އިއްޔެ އިރުވެލި ރިސޯޓުން ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ރިސޯޓުން ސިންޕްޓޮމެޓިކް ދެ މުވައްޒިފަކު ޓެސްޓް ކުރެވުނުއިރު، އެ ދެ މުވައްޒިފުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތާއި، ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ޑޮކްޓަރު ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އޮބްލޫ ސަންގެލި ރިސޯޓުން އިތުރު 10 މީހަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 42 އަށް އަރާފައެވެ. އެ ރިސޯޓުން މިހާތަނަށް 52 ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފައެވެ. ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވެގެންނެވެ. ސަންގެލި ރިސޯޓުން 98 ސާމްޕަލެއް ވަނީ ނަގާފައެވެ. އެރަށުގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ މުޅީންވެސް މުވައްޒިފުންނެވެ.

ހަމަ އެއާއެކު އޮޅުވެލި ރިސޯޓުން އިތުރު ދެ މީހުން ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 26 އަށް އަރާފައެވެ. އެ ރިސޯޓުންވެސް ޕޮޒިޓިވްވެފައިވަނީ ރަށުގައި މަސައްކަތް ކުރާ މުވައްޒިފުންނެވެ. އެރަށުން ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 54 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުގެ މުވައްޒިފުން ކޮވިޑަށް ޓެސްޓްކޮށްފަައިވަނީ އެ ރަށުން ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބަލައި ނިޔާމަ ރިސޯޓް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައީ މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އެރަށުން ޖުމްލަ 14 މީހުން ޕޮޒިޓިވް ވެފައިވާއިރު، ޕޮޒިޓިވްވި 14 މީހުންގެ ތެރެއިން ފަސް މީހުންނަކީ މުވައްޒިފުންނެވެ. ދެން ތިބީ ފަތުރުވެރިންނެވެ. އެ ރަށުން ޖުމްލަ 86 ރެންޑަމް ސާމްޕަލް ނެގި ނަމަވެސް އޭގެ ތެރެއިން އެކަކުވެސް ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ދެން އެންމެ ބޮޑު ކްލަސްޓާއެއް އޮތް ރިސޯޓަކީ ބިޔާދޫ އައިލެންޑް ރިސޯޓެވެ. ބިޔާދޫން މިހާތަނަށް 104 ސާމްޕަލެއް ނަގާފައިވާއިރު އެ ކްލަސްޓާއިން ޖުމުލަ 53 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އެ ރިސޯޓުން ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ އެރިސޯޓުގެ މުވައްޒަފެކެވެ. މިކޭސް ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އެ މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ.

މީގެ އިތުރުން އެމްޕަޔާ ސަފާރީންވެސް ގިނަ ބަޔަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ތިބި އެ ސަފާރީން 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ފަތުރުވެރިންނާއި އެ ސަފާރީގެ ދެ ފަޅުވެރިންނެވެ. އެ ހުރިހާ އެންމެންވެސް ސަފާރީގައި ތިބީ އައިސޮލޭޓް ވެގެންނެވެ.

ރިސޯޓްތަކުގެ މުވައްޒަފުންގެ މެދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު ސަރުކާރާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޙައްޤުގައި ވަކާލާތު ކުރާ "ޓީމްސް" އިންވެސް ވަނީ މުވައްޒަފުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށް ރިސޯޓްތަކުގެ މެނޭޖްމަންޓްތަކަށް ގޮވާލާފައެވެ. އަދި މުވައްޒިފުން ގައިގޯޅިކޮށް އުޅެން ނުޖެހޭފަދަ މާޙައުލެއް އުފައްދައި ދިނުމަށް ޑރ. މައުސޫމް ވަނީ ރިސޯޓްތަކަށް އިލްތިމާސްކުރަށްވާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،325 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 806 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން