ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަދި އެއަރޕޯޓާ ގުޅިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުއައްޒަފުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޝުކުރު އަދާކުރައްވައިފިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް މިދިޔަ އަހަރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ސްޕީޑް ވަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑުތަނުން ހަލުވިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ މަހުގެ ނިޔަލަށް ޕީކް ސީޒަންގައި ފްލައިޓްތަކުގެ ހަރަކާތްތައް ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.

ވީއައިއޭއަށް ޒިޔާރަތް ކުރަށްވައި ރައީސް ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ ކޯވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ޚިދުމަތްތެރިކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ އެ މުވައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. ވީއައިއޭއަށް ކުރެއްވި މި ޒިޔާރަތުގައި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ހިންގަމުންދާ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީ.އައި.ޕީ. ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލަށް ވެސް ރައީސް ބައްލަވައިލައްވައި ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް ސާފު ކުރެއްވިއެވެ.

ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން