‏ކައުންސިލްތަކުގެ މާލީ ކަންކަން ޤާނޫނުތަކަށް ފެތޭތޯ ކަށަވަރު ކުރުމަކީ އެލްޖީއޭގެ ޤާނޫނީ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވެފައިވަނީ 46 ކައުންސިލަކަށް ފިޔަވަޅު އަޅަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙަށް އެޑްރެސްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސުން ރިވައިޒްކޮށްފައިވާ ބްލޮކް ގްރާންޓްގެ ސީލިންގއާ އެއްވަރަށް ލޯކަލް ކައުންސިލްތަކުގެ 2020 ވަނަ އަހަރުގެ ބްލޮކް ގްރާންޓް ބަޖެޓް ރިވައިޒްކުރުމަށާއި، ރިވައިޒްކުރެވިފައިވާ ގްރާންޓްގެ ތެރޭގައި ހަރަދުތައް ހިފެހެއްޓުމަށް އަންގާފައިވީނަމަވެސް، ބައެއް ކައުންސިލްތަކުން 2021 ޖަނަވަރީ 12 ވަނަ ދުވަހުގެ ނިޔަލަށް، ރިވައިޒްކުރެވުނު ބްލޮކްގްރާންޓްގެ ސީލިންގއަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން، 2020 ވަނަ އަހަރުގެ ރިވައިޒްކުރެވުނު ބްލޮކްގްރާންޓްގެ ސީލިންގ އަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކައުންސިލްތަކުގެ މައްސަލަ ވެވަޑައިގަތް އެންމެ އަވަސް ފުރުސަތެއްގައި ބައްލަވައި، އެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާމެދު ފިޔަވަޅު އަޅުއްވައި، އެކަން އެންގުމަށް މިސިޓީގައި ވެއެވެ.

އަދި ވިދާޅުވެފައިވަނީ ގާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު)ގެ 120 ވަނަ މާއްދާގެ (ށ)ގެ 9 ގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެ މަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމަކީ، ކައުންސިލްގެ ލަފަޔާއެކު، ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފައިވާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

ކައުންސިލްތަކުގެ މާލީ ކަންކަން ގާނޫނުތަކާއި އެއްގޮތަށް ނުދާނަމަ ސިވިލްސާވިސްއިން އެކަން ބެލުމަށް އެދުން އެއީ އެލްޖީއޭއިން ކައުންސިލްތަކަށް ފިޔަވަޅު އެޅުމެއް ނޫން ކަމަށްވެސް ވައްޑެ ވިދާޅުވެފައިވެއެވެ.

"ކައުންސިލްތަކުގެ މާލީ ކަންކަން ޤާނޫނުތަކާ އެއްގޮތަށް ގެންދާކަން ކަށަވަރު ކުރުމަކީ އެލްޖީއޭގެ ޤާނޫނީ ޒިންމާއެއް. އަދި މިކަންކަން މިމަގުން ނުދާނަމަ ސިވިލްސާވިސްއިން އެކަން ބެލުމަށް އެދުން އެއީ އެލްޖީއޭއިން ކައުންސިލްތަކަށް ފިޔަވަޅު އެޅުމެއް ނޫން." ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެލްޖީއޭން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ ކައުންސިލްތަކުގެ ތެރޭގައި ހދ. އަތޮޅުގެ 4 ކައުންސިލަކާއި، ށ. އަތޮޅުން 4 ކައުންސިލަކާއި، އަދި ނ. އަތޮޅުން 3 ކައުންސިލްގެ އިތުރުން ރ. އަތޮޅުގެ 6 ކައުންސިލެއް ހިމެނެއެވެ. މީގެއިިތުރުން ބ. އަތޮޅުގެ 2 ކައުންސިލަކާއި، ޅ. އަތޮޅުގެ އެއް ކައުންސިލަކާއި، އއ. އަތޮޅުން 5 ކައުންސިލަކާއި، އދ. އަތޮޅުންވެސް 5 ކައުންސިލަކާއި، މ. އަތޮޅުގެ 3 ކައުންސިލަކާއި، ފ. އަތޮޅުގެ 3 ކައުންސިލަކާއި، ދ. އަތޮޅުގެ 2 ކައުންސިލަކާއި، އަދި ތ. އަތޮޅުގެ 4 ކައުންސިލަކާއި، ލ. އަތޮޅުން 1 ކައުންސިލްގެ އިތުރުން، ގއ. އަތޮޅުން 2 ކައުންސިލާއި ގދ. އަތޮޅުން އެއް ކައުންސިލް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން