މާލޭގެ ސްކޫލެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގެ ސްކޫލެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގެ ސްކޫލްތަކުން ކޯވިޑް-19 ގެ ކޭސްތަކެއް ރިޕޯޓްކޮށް ނުތަނަވަސްކަން ވެރިވެއްޖެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 2020-2021 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށީ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. އެގޮތުން ސްކޫލަށް ދަރިވަރުން ވައްދާއިރު ފިނިހޫނުމިން ބެލުމާއި، މާސްކު އެޅުމުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުން އަތް ދޮވުން ފަދަ ކަންކަން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި ކުރިއަށް ގެންދެއެވެ.

އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ މިހަފްތާގައި ސްކޫލަށް ދިޔަ ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ޖަމާލުއްދީން ސްކޫލުން ޕޮޒިޓިވްވެފައިވަނީ އެ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރެކެވެ. އެ ދަރިވަރުގެ ކޮންޓެކްޓުންގެ ގޮތުގައި ހަތަރު ކުއްޖަކު މިހާތަނަށް ވަނީ ފާހަގަވެފަ އެވެ. އަދި ގާޒީ ސްކޫލުގެ ޓީޗަރުގެ ކޮންޓެކްޓުންގެ ގޮތުގައި އެ ސްކޫލްގެ 12 ޓީޗަރަކު ވަނީ ފާހަގަވެފައެވެ.

މީގެ އިތުރުން ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކިޔަވާ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ސްކޫލުން މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް އެދަރިވަރުން ސްކޫލަށް ޙާޟިރުވެފައި ނުވާތީ އެ ސްކޫލްގެ ދަރިވަރުންނާއި، ޓީޗަރެއްވެސް ކަރަންޓީންކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން އަމީނިއްޔާ ސްކޫލްގެ ބިދޭސީ ޓީޗަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެކޭސްއާއި ގުޅުންހުރި އިތުރު ޓީޗަރުންތަކެއް ފާހަގަ ކުރެވިފައިވާތީ އެޓީޗަރުން ކަރަންޓީން ކޮށްފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ސްކޫލްތަކުގައި ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށެވެ. އެގޮތުން ސިންގަލް ސެޝަން އަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މުޤައްރަރު ކަވަރު ނުވާ ސްކޫލްތަކަށް އޮންލައިން ސެޝަންތައް ބާއްވާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 4 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދު ކިޔަވައިދޭ ގޮތަށެވެ. އަދި ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން އެޑިޔުކޭޝަނުން ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން