އޮޅުވެލި ރިސޯޓް
އޮޅުވެލި ރިސޯޓް
އޮޅުވެލި ރިސޯޓުން ކުރިން ޕޮޒިޓިވްވެފައިވާ 26 މީހުންނާއެކު، އެ ރިސޯޓުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 58 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ބުނެފައިވަނީ، ރާއްޖެއިން މިއަދު އަލަށް ޕޮޒިޓިވްވެފައިވަނީ 87 މީހުން ކަމަށާއި، އޭގެތެރެއިން 32 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހުން ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ އެންމެންނަކީވެސް ރިސޯޓުގެ މުވައްޒަފުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެ ރިސޯޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓުކުރި މުވައްޒަފުންތަކެކެވެ. އޮޅުވެލި ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު އެ ރިސޯޓުގައި އަންނަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިހާތަނަށް އެ ރިސޯޓުން ވަނީ 160 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ނަގައިފައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 13 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. އަނެއް 41 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓާއި އޮބްލޫ ސަންގެލީ އަދި އިރުވެލި ރިސޯޓުންވެސް ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ކޯވިޑް ކޭސްތައް އިތުރުވަމުން އަންނާތީ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވަނީ، ފަތުރުވެރިކަމުގެ ގައިޑްލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި މިހާރު ލިބިފައިވާ ކުރިއެރުން ފަހަތަށް ސޮއްސާލަން ފުރުސަތު ނުދިނުމަށްވެސް ޑރ. މައުސޫމް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 901 މީހުންނެވެ. މީގެތެރެއިން 68 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ރިސޯޓްތަކުގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 219 މީހުން އެބަތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން