ޒިދާން މުޙައްމަދު   17 ޖެނުއަރީ 2021 - 17:49
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ހަފްލާ،
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ހަފްލާ،
މުޅި ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. މަސައްކަތް ހަވާލުވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ޙަފުލާއެއްގައި ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން, އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ފުރަތަމަ މަރުޙަލާގައި ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ ހއ، ހދ އަދި ށ އަތޮޅުގައެވެ.

މި ސަރަހައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް 40 އާއި 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗް ފެރީ ބޭނުންކުރާނެއެވެ.

ފެރީގެ ޚިދުމަތް ކޮންމެ ދުވަހަކު ވެސް އޮންނާނެއެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތަށް ހުންނަ ރަށްރަށަށް ދުވާލަކު ދެ ދަތުރުކުރާނެއެވެ.

މި ފެރީ ނިޒާމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.

މި ގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޕްލޭނިންގ މުހައްމަދު އަސްލަމް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ ބައިވެރިވެޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން