މި ދަތި ދުވަސްކޮޅު ރައްޔިތުން މަޖިލިސް 1 އަހަރަށް ސަސްޕެންޑްކޮށްފިނަމަ 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ ކޮވިޑް19ގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.

"މާލީ ގޮތުން މިދަތި ދުވަސްކޮޅު މަޖިލިސް 1 އަހަރަށް ސަސްޕެންޑްކޮށް ބާއްވައިފިނަމަ ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެހެން އެކަން ކުރަން އެއްބަސް ވެވިދާނެތޯ؟" ސައްލެ ޓެގް ކުރައްވައި، އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވީ އިންތިހާބެއް ބޭއްވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިންތިހާބު ބޭއްވުމަކީ ވަކިން ހަރަދު ބޮޑުވާނެ ކަމެއް ކަމަށް ސައްލެ ވިދާޅުވި އެވެ. އެގޮތުން ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް އިތުރު 7.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައްލެ ވިދާޅުވެފައި ވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަން އަދިވެސް އޮތް އިރު އިންތިހާބު ބާއްވަން ދުވަސްކޮޅަކަށް ވެފައި އޮއްވާ، އެ ކޮމިޝަންގެ ރައީސް ޕޮޒިޓިވްވެ ދެން ތިއްބެވި މެމްބަރުންވެސް ކަރަންޓީނަށް ދާން ޖެހިއްޖެނަމަ ދެން ވާނީ ކިހެނެއްތޯ ވެސް ސައްލެ ސުވާލު އުފެއްދެވި އެވެ. އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ކަރަންޓީނަށް ދާން ޖެހުމުން ދެން ކަންކަން ވާނީ ކިހިނެއްތޯ ވެސް ސައްލެ ސުވާލު އުފައްދަވާފައިވެއެވެ.

އޭނާ ވިދާޅުވީ، އިންތިހާބު ބޭއްވުމުގެ އަސާސަކީ މިނިވަން ކަމާއެކު ކެމްޕެއިން ކުރުމަށް ދަތުރުކުރެވި، މިނިވަންކަމާއެކު ވޯޓު ލެވޭނެ މަގު ތަނަވަސް ވެގެން ދިޔުންކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ކޭސްތައް އަދިވެސް ފެންނަމުންދާއިރު، އެޗްޕީއޭ އިން ކެމްޕެއިން ކުރުމަށް ދެވޭނީ ކިހާ ލުއިތަކެއްތޯވެސް ބަލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙޮސޭން

17-Jan-2021

ސަލީމުގެ ވިސްނުމަކީ އެއްމެންގެ ވިސްނުމަކައް ވާކައް ނުޖެހޭ.



ޓްރެންޑިން