މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
ކިތަންމެ ކުޑަ ނަމަވެސް ރާއްޖެއަކީ މިނިވަން ޤައުމެއް ކަމަށާއި، ޤައުމުގެ ކަންކަމުގައި ގޮތް ކިޔާނީ ބޭރު ސަފީރުންނެއް ނޫން ކަމަށް މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެހީގައި ހެދި ސިންތެޓިކް ޓްރެކް ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި، އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. ސަފީރު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ކޯވިޑް-19 ގެ ވެކްސިން ލިބުމަކީ ރައްޔިތުންގެ އިންތިޒާރު ކަމަށެވެ. އަދި ދަޢުލަތުގެ ވެރިމީހާއަށް އިތުބާރުކޮށް ރާއްޖޭގެ ބޯޑަރ ހުޅުވުމަށް ރައްޔިތުން ރުހުންދިނީ ކޯވިޑަށް ޙައްލު ހޯއްދަވާނެކަމުގެ އުންމީދުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.

އަދި ކިތަންމެ ކުޑަ ނަމަވެސް ރާއްޖެއަކީ މިނިވަން ޤައުމެއް ކަމަށާއި، ޤައުމުގެ ކަންކަމުގައި ގޮތް ކިޔާނީ ބޭރު ސަފީރުންނެއް ނޫން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ޤައުމުގެ ކަންކަމުގައި ސަފީރުން ބަސްކިޔުމަކީ ޢާއްމުކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.

"އެމްޑީޕީގެ ވެރިކަން ހަމަ ފެށޭ އިރަށް ޤައުމުގެ މުހިންމު ކަންކަމުގައި ގޮތްކިޔުން ބޭރު ޤައުމުތަކުގެ ސަފީރުންގެ ލެވެލްގައި ކުރާ ކަންކަމަށްވޭ. ކުޑަވިޔަސް މީ މިނިވަން ޤައުމެއް." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ކޯވިޑް ވެކްސިން ކަންތަކުގައި ރައްޔިތުންނަށް އިސްބަހާއިއެކު ނަސޭޙަތްތެރިވާނީ ޤައުމުގެ އެންމެ އިސް ވެރިޔާ ކަމަށެވެ.

ރާއްޖެއަށް ކޯވިޑް-19 ގެ ވެކްސިން ހޯދުމާގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ ދިވެހި ސަރުކާރުން މިހާރު ވަނީ މަޝްވަރާކޮށްފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކްއާޓާގައި ރާއްޖެއަށް ކޯވިޑް-19 ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން