ގއ. ދެއްވަދޫ
ގއ. ދެއްވަދޫ
ކޯވިޑް-19 ފެތުރި އުފެދިފައިވާ ބޮޑެތި ކްލަސްޓަރތަކުގެ ތެރެއިން ދެއްވަދޫ ކްލަސްޓަރ އިން 69 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ދެއްވަދޫ ކްލާސްޓާއާ ގުޅިގެން 23 ޑިސެމްބަރުން ފެށިގެން މިހާތަނަށް 69 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދެއްވަދޫއިން ޕޮޒިޓިވްވި 55 މީހުންނާއި، ލ. ފޮނަދޫގައި 4 މީހުން އަދި ގއ. ދާންދޫއިން ހަ މީހުންނާއި، ގއ. ވިލިގިލިން ދެކުދިންނާއި، ހުޅުމާލެއިން ދެ މީހުންނެވެ.

ދެއްވަދޫ ކްލަސްޓަރ އާއި ގުޅިގެން މިހާތަަނަށް ވަނީ 750 ސާޕަލެއް ނަގާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި 255 ފަރާތެއް ފާހަގަކުރެވުނުއިރު އޭގެ ތެރެއިން 101 މީހުންނަކީ ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ.

ދެއްވަދޫގެ ކްލަސްޓާއާއި ގުޅިގެން މިއަދު ވިލިނގިލިން ކޮވިޑް ކޭސްއެއް އަނެއްކާވެސް ފެނިފައިވާއިރު އެޗްޕީއޭ އިން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރު ކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދިފަ އެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓީނުގައި ތިބުމަށް އެދިފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެއްވަދޫން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވާއިރު، އެޗްޕީއޭ އިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެއްވަދޫއަށް ދަތުރުކުރި މީހުން ކަރަންޓީނުވުމަށް އަންގާފަ އެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ފަހުން އެރަށަށް ދިޔަ މީހުން ހޯދަން ވެސް އެޗްޕީއޭ އިން އާންމުކުރި އެވެ.

މީގެ އިތުރުން އެ ކްލަސްޓަރ އާއި ގުޅިގެން ގއ. ވިލިނގިއްޔާއި، ދާންދޫ މޮނިޓަރިންގެ ޙާލަތުގައި އޮތްއިރު، ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން