ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޚިޔާލު ތަފާތުވުމަކީ އިސްލާމީ ފިޤުހު ބިނާވެފައި އޮތް އެންމެ މުހިންމު އެއް އަސާސް ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިއުއްވާފައިވާ ޚިޔާލެއްގައި އޭނާ ވިދާޅުވީ، ޚިޔާލު ތަފާތުވުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފިޠުރަތާ ޚިލާފުކަމެއް ކަމަށާއި އެކަމަކުން ކާމިޔާބެއް ނެތްކަމަށެވެ.

ބުއްދިވެރި ގޮތަކީ، ރަނގަޅަށް ޚިޔާލު ތަފާތުވާނެ މާޙައުލެއް އުފެއްދުން ކަމަށާއި ޚިޔާލު ތަފާތުވުމުގެ ތެރެއިން، ކަންކަމަށް ޙައްލު ހޯދައިގެން، ބޮޑު މަންޒަރަށް، ބޮޑު އަމާޒަށް، ވާޞިލުވާނެ މަގެއް ހޯދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަމީމް ވިދާޅުވީ ޚިޔާލަކީ އަބަދުވެސް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން، ޚިޔާލު ތަފާތުވުމަކީ އޭގެ ޒާތުގައި ވަގުތީ ކަމެއް ކަމަށާއި އެއްވެސް މީހަކު، މީހަކާ ޚިޔާލު ތަފާތުވަނީ، އެއީ ވަކި މީހެއްގެ ޚިޔާލަކަށް ވީތީނަމަ، އެމީހަކު އަދި ތަޞައްރަފެއް ނުފުދޭ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިސްލާމީ ތާރީޚަށް ބަލާއިރު، ޚިޔާލު ތަފާތުވުމަކީ އިސްލާމީ ފިޤުހު ބިނާވެފައި އޮތް އެންމެ މުހިންމު އަސާސް ކަމަށެވެ.

"އިސްލާމީ ފިޤުހު ތަރައްޤީވެ ކުރިއަރައިފައިވަނީ ޚިޔާލުތަފާތުވުމުގެ މާޙައުލެއްގެ ތެރެއިންނެވެ. ޝާފިޢީ މަޒްހަބު އެޢިލްމުވެރިއަކަށް ނިސްބަތްވާ ޝާފިޢީގެފާނު، ޢިރާޤުގައި ހުންނެވިއިރު ދެއްވި ރައުޔުތަކާއި، މިޞްރުގައި ދެއްވި ރައުޔުތައް ތަފާތެވެ. އެކި ސަބަބުތަކާހުރެއެވެ. އެކި މަޛުހަބުތަކުގެ މެދުގައި ޚިޔާލު ތަފާތެވެ. މަޛުހަބު ތަކުގެ ތެރޭގައިވެސް ޚިޔާލު ތަފާތެވެ. އެކަމުން އިސްލާމް ދީނަށާއި އިސްލާމީ ފިޤުހަށް ލިބުނީ ކުރިއެރުމެވެ. މަޛުހަބީ ޚިޔާލު ތަފާތުވުންތަކާއެކުވެސް ބަދަލު ނުވަނީ މައިގަނޑު އުޞޫލުތަކެވެ. ޕްރިންސިޕަލް ތަކެވެ. އެއީ ބަދަލުވާނެ އެއްޗެއް ނޫނެވެ." ޕޯސްޓްގައި ޝަމީމް ލިޔުއްވާފައިވެއެވެ.

އެ ލިޔުމުގައި ޕީޖީ އިތުރަށް ވިދާޅުވީ، މުޖްތަމައެއްގައި ދިރިއުޅޭއިރު، ޚިޔާލުތަފާތުވާ މީހުންނާ އަބަދުމެ ދިމާވާނެ ކަމަށާއި އަޅުގަނޑުމެން ބަލަންވީ ޚިޔާލު ތަފާތުވާ ކަންކަމާއި ޚިޔާލު އެއްގޮތްވާ ކަންކަން ދެނަގަނެ، އެކަންކަމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭތޯ ކަމަށެވެ.

މީގެ އިތުރުން، މިސާލެއްގެ ގޮތުން ޝަމީމް ވިދާޅުވީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ އޭނާގެ ޚިޔާލު ވަރަށް ތަފާތުވާނެ ކަމަށެވެ.

"މިސާލަކަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާ އަޅުގަނޑާ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު ތަފާތެވެ. ނަމަވެސް، އަޅުގަނޑުމެން ދެމީހުން ޚިޔާލު އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެއްކަމަކީ، ފަތިހާ ހޭލައިގެން މުރާލި ކޮށް މަސައްކަތް ކުރަންޖެހޭކަމެވެ. ދެވަނަ ކަމަކީ، ކުށް މަދު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެވެ. ތިންވަނަ ކަމަކީ، ޤަބޫލުކުރާ ހަމައެއްގައި ސާބިތުވެ ހުރުމެވެ. އަޅުގަނޑުމެން ދެމީހުންގެ ޚިޔާލު ތަފާތުވާ ކަންކަމަކީ މިދެންނެވި ކަންކަން ތަންފީޛުކުރަން ކުރާނެ ކަންކަމާ މެދުއެވެ."

ޕީޖީ ވިދާޅުވި ގޮތުގައި، އެތަފާތުގެ އަސާސަކީ ދެމީހުންގެ ފަންނީ ފަސްފަހަތް ކަމަށެވެ.

ޢުމަރު ނަޞީރަކީ މިލިޓަރީ ތަމްރީނުގެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އެއާ ޚިލާފަށް ޝަމީމަށް އެކަހަލަ ތަމްރީނެއް ލިބިވަޑައިގެންފައެއް ނެތެވެ.

އެކަން ފާހަގަކުރުމަށްފަހު ޝަމީމް ވިދާޅުވީ ދެމީހުންކުރެ ރަނގަޅީ ކާކުގެ ގޮތެއްކަމެއް އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"ދެމީހުންކުރެ ރަނގަޅީ ކާކުގެ ގޮތެއްކަމެއް އަދި ނޭނގެއެވެ. އަޅުގަނޑު ޢުމަރު ނަޞީރަށް އިޙްތިރާމް ކުރަމެވެ. ޚިޔާލަށްވެސް އިޙްތިރާމް ކުރަމެވެ. ނަމަވެސް، އިންތިހާއަށް ޚިޔާލު ތަފާތެވެ. އެއީ ޚިޔާލެވެ. މީހާއެއް ނޫނެވެ." ޝަމީމްގެ ބްލޮގުގައި ޝާއިއުކުރި ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން