ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަދި ބައެއް މެމްބަރުން - ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަދި ބައެއް މެމްބަރުން - ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ނަމަ ގެންދަން ޖެހޭނީ އެޗްޕީއޭގެ އިރުޝާދާ އެއް ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވައިލާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި ހިމަނައިފިއެވެ.

މިދިޔަ އަހަރު އެކުލަވާލި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެގާނޫނުގައި 10 މެއި 2021ގެ ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފައެެވެ. އެގޮތުން ގެނެސްފައިވާ އިސްލާހުގައި ކުރިން ބިލްގައި އޮތް ތާރީޚް އުވާލައި އިންތިހާބު ބާއްވަންޖެހޭ ވަކި ތާރީޚެއް ކަނޑައަޅާފައެއްް ނުވެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާހިނދަކު އިންތިހާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލްތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވެސް ކޮމެޓީން އިސްލާހު ކޮށްފައިވާ ބިލްގައި ބުނެފައިވެއެވެ.

މޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ގާނޫނަށް އިސްލާހު ގެނެވި އެ އިސްލާހު ތަންފީޒުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަލުން ފަށަންޖެހޭނެއެވެ.

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމަށްފަހުގައި ކަމަށް އިސްލާހު ގެނައުމުގެ ބިލްގައި ފާހަގަކޮށްފައިވެއެވެ. އަދި އިންތިހާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅަންޖެހޭ އުސޫލްތައް، އިލެކްޝަންސް ކޮޮމިޝަނުން ކަނޑައަޅައި އެ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކުލަވާލައި، އާންމު ކުރަންވާނެކަމަށް ވެސް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިސްލާހުގައިވާ ގޮތުން ނަމަ، އިންތިހާބު ބޭއްވުމަށް އިޢުލާނު ކުރުމަށްފަހު، އިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނުން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.

މިބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމާފައިވާއިރު، ދެން އެބިލު އަނެއްކާވެސް ދާނީ މަޖިލީހުގެ ތަޅުމަށެވެ. މި މަރުހަލާގައި ވެސް މަޖިލީހުގެ މެމްބަރުންނަށް އެބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެއެވެ. އެބިލް ފާސްވާނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގެ އަޣްލަބިއްޔަތު ލިބިގެންނެވެ.

މި ބިލުގެ މަސައްކަތަށް މަޖިލީހުން ދަނީ ދައުރުގެ ބޭރުން ޖަލްސާތައް ބާއްވަމުންނެވެ. މި ގޮތުން އެންމެ ފަހުން ޖަލްސާއެއް ބޭއްވީ އިއްޔެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން