އެމްޕީއެލް ސަރަހައްދު
އެމްޕީއެލް ސަރަހައްދު
ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅެނިކޮށް އޭގެ ދަށުވެގެން އެމްޕީއެލް ސަރަހައްދުގައި މަރުވި އަބްދުﷲ އާސިމް ނިޔާވުމާ ގުޅިގެން އެމްޕީއެލްގެ ވެރިން ތައުޒިޔާ ނުކިޔާ ކަމަށް ބުނެ ފާޑުކިޔަން ފެށުމުން ތައުޒިޔާ މަތިން ހަނދާން ވެ މިއަދު އެ ކުންފުނިން ތަޢުޒިޔާގެ ބަޔާނެއް ނެރެފިއެވެ.

އެމްޕީއެލުން ނެރުނު ބަޔާނުގައި ބުނީ، މާލޭ ވިޔަފާރި ބަނދަރުގައި ހިންގަމުންދާ މައިގަނޑު އޮޕަރޭޝަންސްތަކަކީ ނުރައްކާތެރި މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން، ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޕީއެލް އިން ބޮޑު ސަމާލުކަމެއްދޭކަމަށެވެ. އަދި މަދުން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގާ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް، މި ކުންފުނިން ވަނީ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އަދި ވިޔާފަރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ޤާއިމްކުރުމަކީ މި ކުންފުނިން ނުހަނު ބޮޑު އަހައްމިއްޔަތެއް ދޭ ކަމެކެވެ. މަދުން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގައެވެ. މި ފަދަ ކޮންމެ ހާދިސާއަކަށް ފަހު، ކަން ހިނގި ގޮތް ރަނގަޅަށް ބަލައި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން ވަނީ އަޅާފައެވެ." އެމްޕީއެލުން ނެރުނު ތަޢުޒިޔާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ، ހައިސާ އިންވެސްޓްމަންޓް ގުރޫޕުން ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މި ޚާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް، އާސިމް ނިޔާވުމަކީ އެމްޕީއެލް އިން ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ.

"މި ފުރުސަތުގައި، މަރުޙޫމްގެ ޢާއިލާ އަށް އެމްޕީއެލްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ކިޔަމެވެ. އަދި މަރުހޫމުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާޢިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ." އެމްޕީއެލް އިން ނެރުނު ތަޢުޒިޔާގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، މި ހިތާމަވެރި ޙާދިސާ ދިމާވި ސަބަބުތައް ދެނެގަނެ، އަދި މި ހާދިސާއާއި ގުޅިގެން، މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި ޢަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެކަން ވެސް އެމްޕީއެލް އިން ވަނީ ހާމަކޮށްފައިއެވެ.

ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދާ މުދާ ކްލިއަރކުރާ ކުންފުނިތަކާއި އަދި އެހެން ފަރާތްތަކުން ވެސް، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަން ދިނުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން