ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް
އެމްޑީޕީގެ ސުޕަރމެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް ނަމަވެސް ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވާތީ މިއަދުގެ ޖަލްސާ ފަށަން ޖެހޭ ގަޑިއަކަށް ނުފެށުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ އެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.

މިއަދުގެ ޖަލްސާ ފެށިގެން މިހާރު ކުރިއަށް ދާއިރު މި ވަގުތު ކުރިއަށް ދަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވައިލާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް އިސްލާހު ގެނައުމުގެ ބިލްގެ ރިޕޯޓްގައިވާގޮތުން، އެގާނޫނުގައި 10 މެއި 2021ގެ ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ކުރިން ބުނެފައިވާ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފައެެވެ. އެގޮތުން މިހާރު ގެނެސްފައިވާ އިސްލާހުގައި އެބިލްގައި އިންތިހާބު ބާއްވަންޖެހޭ ވަކި ތާރީޚެއް ކަނޑައަޅާފައެއްް ނުވެއެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާހިނދަކު އިންތިހާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލްތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވެސް ކޮމެޓީން އިސްލާހު ކޮށްފައިވާ ބިލްގައި ބުނެފައިވެއެވެ.

ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް މި ގެނެވޭ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަލުން ފަށަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމަށްފަހުގައި ކަމަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނެފައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައިވާގޮތުގައި، އިންތިހާބު ބޭއްވުމަށް އިޢުލާނު ކުރުމަށްފަހު، އިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނުން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާތަކަކީ، އެބިލްގެ މަސައްކަތް ނިންމުމަށްޓަކައި ކުރިއަށް ގެންދާ، މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާތަކެކެވެ


ކިޔުންތެރިންގެ ހިޔާލު


2

ޕާޓީ

20-Jan-2021

މަޖާ ކަމެއް. (ބަހުގެ ހަމަޔަށް ބަލާއިރު ރަނގަޅު ގޮތަކީ(ޚިޔާލު) ހ ގެ މަތީގައި ތިކި ޖެހުން.



ޓްރެންޑިން