މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރާއި ބައްދަލު ކޮށްލުމަށް ބޭނުންފުޅުވާކަމަށް، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނާ ކެރޮން ރޮހްސްލާ ވިދާޅުވެއްޖެއެވެ.

ހައިކޮމިޝަނާ މިހެން ވިދާޅުވެފައިވަނީ މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރ، އައިމިނަތު ހަސަން އަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އައިންތު ދުއްވަމުންދާ ކާރަށް އެތައްފަހަރެއްގެ މަތިން ގެއްލުންދިން މުހައްމަދު ހަމްދޫންގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާ ޚަބަރާއެކު ކުރަށްވާފައިވާ ޓްވީޓެއްގައެވެ.

ހައިކޮމިޝަނާގެ ޓްވީޓުގައި އައިންތުގެ ކެރުމާއި، ހިތްވަރު ފާހަގަކުރަށްވާފައިވާއިރު އައިންތުގެ މަސައްކަތުގައި ހިތްވަރާއެކު ދެމިހުރުމަށް އެދިވަޑައިގެންފައިވެއެވެ. ހައިކޮމިޝަނާގެ ޓްވީޓުގައި ކޮންމެ މީހަކުވެސް ހާސިލް ކުރަން ބޭނުންވާ އަމާޒައް ވާސިލްވުމަަށް ބާރުއަޅައި ހިތްވަރު ދެއްވާފައިވެއެވެ.

"ކޮންމެވެސް ދުވަހަކުން މިހިތްވަރުގަދަ އަންހެނާ އާއި ބައްދަލުކޮށްލަން ވަރަށް ބޭނުން. އެތަކެއް ގޮންޖެހުންތަކަކާއި އެކުވެސް ކުރިއަށް ދިއުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ނޫނީ ނުވާނެ ކަމެއް. އަހަރުމެން ކުރަން ބޭނުންވާކަންތައް ކުރުމުގައި ދެމިހުންނަނީ އެކަމެއް ދެެކެ ވާލޯބިން. މީސްމީހުންގެ ނުރުހުން ލިބުމަކީ، ކުރަން ބޭނުންވާ ކަމެއްގައި ނުވަތަ ހާސިލް ކުރަން ބޭނުންވާ އަމާޒަށް ވާސިލްވުން ހުއްޓުމަކަށް ގެންނަންވީ ސަބަބެއް ނޫން." އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށަ ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނާ ކެރޮން ރޮހްސްލާ ވިދާޅުވެފައިވެއެވެ.

އައިންތު އަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އައިންތު ދުއްވަމުންދާ ކާރައް އެތައްފަހަރެއްގެ މަތިން ގެއްލުންދިން މުހައްމަދު ހަމްދޫންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީން މިހާރު ވަނީ ކޯޓަށް ހުށައަޅާފައެވެ. މިގޮތުން މުހައްމަދު ހަމްދޫންގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވަނީ، މިދިޔަ އަހަރު އޮކްޓޯބަރު މަހު އައިންތުގެ ކާރަށް ދިން ގެއްލުންތަކާއި ގުޅިގެންނެވެ. އަދި މިއީ މިފަދަ ކަމެއް ތަކުރާރުވެގެން މަސައްލަ ޖައްސައިފައިވާ ފަސްވަނަ ފަހަރު ކަމަށް ވީނަމަވެސް މީގެ ކުރިން އައިންތުއަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އައިންތު ދުއްވަމުންދާ ކާރައް އެތައްފަހަރެއްގެ މަތިން ގެއްލުންދީފައިވާކަމަށް ހުށައެޅިފައިވާ މައްސަލަތައް ވަނީ އެކަށީގެންވާ ހެކި ނުލިބުމުގެ ސަބަބުން އިންސާފު ނުލިބިފައެެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު އައިންތުގެ ކާރަށް ދިން ގެއްލުމުގައި އައިންތު ޓެކްސީ ކުރަމުން ދިޔަ ކާރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާއިރު، އައިންތުގެ ކާރު މަރާމާތު ކުރުމުގައި ޒުވާނުންގެ މިނިސްޓަރ މަހްލޫފް ވަނީ އެހީތެރިވެދީފައެވެ. އަދި މިމައްސަލަ ބަލައި އައިންތު އަށް އިންސާފު ހޯދައި ދިނުމަށް ރާއްޖޭގެ އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން