ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައި ވަނީ އެކަމަށް ހާއްސަ ކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި 38 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ ބިލުގައި ބަޔާންކޮށްފައި ވާ ގޮތުގައި، ކެމްޕޭން ކުރުމަށް ހުޅުވާލާ މުއްދަތާއި، ރީރަޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތާއި، ވޯޓުލާ މީހުންގެ ނަންތައް ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި، ކެންޑިޑެސީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވަނީ ކުރުކޮށްފައެވެ.

މިހާރު ފާސްކޮށްފައިވާ ވަގުތީ ގާނޫނުގައި ވާ ގޮތުން މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެއެވެ. އަދި އެ މުއްދަތުގައި އިންތިހާބު ބޭއްވުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް މަޖިލީހަށް އީސީއިން އަންގަން ވާނެ ކަމަށް ވެސް ވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބު ގިނަ ދުވަސްތަކަކަށް ފަސްވެގެން ދިޔައީ ކޯވިޑް-19ގެ ސަބަބުން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތީމައެވެ. އީސީން ދެން ނިންމީ މި އަހަރުގެ މާރިޗު މަހު އިންތިހާބު ބާއްވާށެވެ.

ނަމަވެސް، ފަހުން ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީސީއިން ވަނީ މާރިޗު މަހު ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައެވެ.

އީސީއިން ބުނި ގޮތުގައި އިންތިހާބު ބޭއްވޭނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލުމަށްފަހު އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ.

އެކަމަކު އެ ގޮތަށް ކުރިއަށް ދާނީ މަޖިލީހުގައި މިއަދު ފާސްކުރި ބިލް ފާސްކޮށްގެން ކަމަށް އީސީއިން އޭރު ބުންޏެވެ.

އެހެންކަމުން އީސީން ބޭނުންވާ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިހާރަކު ހުރަހެއް ނެތެވެ.

ނަމަވެސް، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ކަމަށް ބިލުގައި ބުނެފައިވާތީ، އިންތިހާބުގެ ކަންކަން އެ ގޮތަށް ގެންދިއުމަށް އީސީއަށް ލާޒިމު ވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން