އެސްޓްރާޒެނެކާއިން އުފައްދާ ވެކްސިން
އެސްޓްރާޒެނެކާއިން އުފައްދާ ވެކްސިން
ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހިސަރުކާރާއި އެސްޓްރާޒެނެކާ ސިންގަޕޯރއާ ދެމެދު ސޮއިކޮށްފައިވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަންނަން ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަދު އިންޑިއާއިން ރާއްޖެ އަށް ގެނައި އެއް ލައްކަ ޑޯޒްގެ ވެކްސިންގެ ތެރެއިން އާބާދީގެ 50،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ތެރެއިންނާއި، ސަރުކާރުން ގެނައުމަށް ހަމަޖެހިފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ވަނީ ގެނެސްފައެވެ. އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެކްސްޓްރާޒެނެކާގެ ރިސަރޗްގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައި ކުންފުނިން އުފައްދާ ވެކްސިނެކެވެ. އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ޢަދަދަކަށް ވެކްސިން އުފައްދާ އެއް އިންސްޓިޓިއުޓެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނާ ޙަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިން 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ޑިސެންބަރު 31 ގައި ބުނީ ވެކްސިން ހޯދުމަށް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ސަރުކާރުން ނިންމީ މިވެކްސިނަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން ކަމަށެވެ.

އަދި އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައި ވީހިނދު، އަދި ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމީ ކަމަށް ފިނޭސްސްގެ ބަޔާނުގައި ބުނެފައި ވެއެވެ. ފިނޭންސް މިނިސްޓްރީން ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ ސިންގަޕޯރއާއި އެކުގައި ސޮއިކޮށް މިޚަރަދު ކުރަން ނިންމައި މާލިއްޔަތުގެ ގަވާޢިދުގެ ހަތަރު މާއްދާއަކަށް ވަގުތީ ގޮތުން އަމަލު ނުކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން