‏ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ޒިންމާ އެކަންކުރި މީހުން އުފުލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް ހާމިދު ރިޒާ، 2019 ގައި ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާ އާއި މިދިޔަ ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ދޭން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކުރުމާއި ގުޅިގެންނެވެ.

"‏ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ނުވަތަ އެނޫންވެސް އެފަދަ ކަމެއްގެ ސަބަބުން ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ޒިންމާ، އެކަންކުރި މީހުން ނުވަތަ ކުންފުނީގެ އެމްޑީން ފަރުދީގޮތުން ކުންފުންޏާ އެއްވަރަށް އުފުލަން ޖެހޭނެ." އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލްގައި ވަޒީފާ އަދާކުރަައްވާތާ 20 އަހަރު ވީ، އަދި ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހާމިދުގެ މައްސަލަ މި މަހު 14 ގައި ނިންމަމުން ޓްރައިބިއުނަލުން ބުނީ އޮކްޓޯބަރު 7، 2019 ގައި އޭނާ ވަކިކުރުމުގައި "މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން" ވެސް ނެތް ކަމަށެވެ.

މީގެ އިތުރުން އޭނާ ވަޒީފާއިން ވަކި ކުރުމުގައި "ސީނިއަަ މެނޭޖްމަންޓުން ހިތްހަމަނުޖެހުން" ފިޔަވައި، އެހެން ސަބަބެއް އޮތް ކަމަކަށް އެމްއޭސީއެލުން ބުނެފައި ނުވާ ކަމަށް ވެޒް މައްސަލަ ނިންމަމުން ބުނެފައި ވެއެވެ. އެކަމަކު، އޭގެ ކުރިން ސުލޫކީ އެއްވެސް މައްސަލައެއް، އެއްވެސް އިންޒާރެއް، އަދި ނަސޭހަތެއް ވެސް ދީފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ޓްރައިބިއުނަލުން އެމްއޭސީއެލްގެ މައްޗަށް އަމުރުކުރީ ހާމިދު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދިނުމާ ހަމައަށް ވޭތުވި ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ވެސް ދިނުމަށެވެ.

މިފަހަކަށް އައިސް ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނި ތަކުގައި މިގޮތަށް ވަޒީފާއިން ވަކިކޮށްގެން ބޮޑެތި އަދަދު ތަކުން ބަދަލު ދޭން ޖެހުމަކީ ވަރަށް އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. އާންމުކޮށް މިގޮތަށް ދިމާވަނީ ވެރިކަން ބަދަލުވުމާއި ސިޔާސީ ފިކުރު ތަފާތުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން