ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން އުފައްދާފައިވާ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމަށް ތައްޔާރު ވަމުން ދާކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒަންގ ލިޒޮންގ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ ޗައިނާގެ ވެކްސިނާ ބެހޭގޮތުން ރޭގެ ވަގުތެއްގައި ކުރަށްވާފައިވާ ޓްވީޓުތަކެއްގައެވެ. މިގޮތުން ޗައިނާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ ވެކްސިނެއް ކަމާއި، މިވެކްސިން ހޯދުމަށް 40 ގައުމަކުން މިހާތަނަށް އެދިފައިވާއިރު ވެކްސިން އުފެއްދޭ މިންވަރަކުން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރު ވަމުން ދާކަމަށް ޗައިނާ ސަފީރުގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ޗައިނާއިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން، ކުއްލި ހާލަތުގައި ޖެހުމަށް ހުއްދަ ދެވިފައިވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސަފީރު ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި ޔޫއޭއީ، ބަހްރައިން، އީޖިޕްޓް، ޖޯޑަން، ތުރުކީ، އިންޑޮނޭޝިޔާ ހިމެނެއެވެ.

ޗައިނާގެ ވެކްސިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގައި ރަޖިސްޓްރީ ކުރެވުމާއެކު، ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވެމުން ދާކަމަށް ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ. މިމަޝްވަރާތަކުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށްވެސް އަތްފޯރާ ފަށުގައި ވެކްސިން ފޯރުކޮށްދިނުމުގެ ނިޒާމެއް އެކުލަވާލުމަށް ޗައިނާއިން މަސައްކަތް ކުރަމުން ދާކަމަށްވެއެވެ.

ވެކްސިން ތައްޔާރުކުރުމުގައި ޗައިނާއިން ހަލުވިކަމާއެކު މަސައްކަތް ނިންމާފައިވީނަމަވެސް ޗައިނާގެ ވެކްސިނުގެ ތަހުލީލު ތަކުގެ ނަތީޖާއެއް އަދި ތަހުލީލުތަކާއިބެހޭ އިތުރު މަޢުލޫމާތެއްވެސް، ޗައިނާގެ ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗައިނާގެ ސިނޮފަރމްގެ ވެކްސިން އާންމުކޮށް ބޭނުންކުރުމަށް މިދިޔަ ޑިސެމްބަރުމަހު ވަނީ ހުއްދަދެވިފައެވެ. މިވެކްސިންގެ ގިނަ ތަހުލީލުތަކެއް އަރަބި ގައުމުތަކުގައި ކުރިއަށް ގެންދެވިފައިވާއިރު، ޔޫއޭއީ އިން ވަނީ މިވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން، ސަރބިޔާއަށް ޗައިނާގެ ސިނޮފާމް ވެކްސިނުގެ އެއްމިލިއަން ޑޯޒު ލިބުމާއެކު، ޔޫރަޕުގައި މިވެކްސިން ބޭނުން ކުރަން ފެށުނު ފުރަތަމަ ގައުމަކަށް ސަރބިޔާ ވެގެންގޮސްފައިވެއެވެ. ސަރބިޔާއަށް ޗައިނާގެ ވެކްސިން ލިބިފައިވަނީ މިދިޔަ ހަފްތާގައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން މިހާތަނަށް އުފައްދާފައިވަނީ ދެވެކްސިނެކެވެ. އެއީ ބެއިޖީންގެ ބަޔޯފާމަސޫޓިކަލް ކުންފުނީގެ ސިނޮވަކް ނަމަކަށް ކިޔުނު ވެކްސިނަކާއި ޗައިނާގެ ސަރުކާރު ހިއްސާވާ ސިނޮފަރމް ކުންފުނީގެ ވެކްސިނެވެ. މިދެ ވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާ އަދި ރަސްމީކޮށް އިއުލާން ކޮށްފައެއްނުވެއެވެ. މިދެވެކްސިނުގެ އިތުރުން، އިތުރު ދެވެކްސިނެއް ތައްޔާރު ކުރެވެމުންދާކަމަށް ޗައިނާގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން