އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުމުގައި ދިމާވެފައިވާ، ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެކަމަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަން ކަމަށެވެ. ސޯބެ ވިދާޅުވީ މި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މި ގޮތުން، އައްޑޫއަށް ޑައިރެކްޓް ޗާޓަރު ފްލައިޓްތައް ބޭއްވުމާއި، އައްޑޫގެ އެއަރޕޯޓު ރާއްޖޭގެ ދެކުނުގެ އެހެން އެއަރޕޯޓުތަކާއި ގުޅުވުވައިލުމާއި، ސީޕްލޭންގެ ދަތުރުތައް އިތުރުކުރުމާ މެދު މަޝްވަރާތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ސޯބެ ވިދާޅުވި ގޮތުގައި މިމަޝްވަރާތައް ކުރަމުންދަނީ ސީދާ ޓޫރިޒަމް މިނިސްޓްރީއާއެކުގައި ކަމަށެވެ، އަދި މިކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން މިހާރު ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މޭޔަރު ސޯދިގު ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސައްކަތް ކުރާ އެކިއެކި ފަރާތްތަކާ ގުޅިގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވިއްޖެކަމުގައިވާނަމަ އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ އިޝްތިހާރު ކުރުމުގެ ގޮތުން މިހާރު ވެސް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އައްޑޫ އަކީ ރާއްޖޭގެ ދެވަނަ އަށް އާބާދީ އެންމެ ބޮޑު ސިޓީއެވެ. އަދި މި ސިޓީއަކީ ގުދުރަތީ ގޮތުން ފާހަގަކޮށްލެވޭ ހިތްގައިމު ތަންތަން ހިމެނޭ ވެސް ސަރަހައްދެކެވެ.

ގިނަ ބަޔަކަށް އައްޑޫން އެންމެ ކަމުދާ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އައްޑޫ ނޭޗާ ޕާކެވެ. އައްޑޫ ނޭޗާ ޕާކްގެ ތެރޭގައި ހިމެނެނީ އީދިގަލި ކިޅި އާއި ކޯއްޓޭގެ އިތުރުން ފަޅުރަށްރަށް ކަމަށްވާ މާހެރަ އާއި ކުޑަމާހެރަ އާއި ދީރޮނޑި، ކޯހެރަ އަދި ކައްބޯހެރަ އެވެ. މީގެ އިތުރުން ރޯޔަލް ޝިޕްރެކް ޑައިވިން ޕޮއިންޓެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ހިމާޔަތް ކޮށްފައިވާ މި ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1،145 ހެކްޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން