ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑްރަގް އެޖެންސީ އަށް އިސްލާހު ގެންނަން ޖެހިފައިވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ފަސްވެ ލަސްވަމުން ދިއުމަކީ "މުޅި ރާއްޖެ އަށް ލިބޭ ބޮޑު ގެއްލުމެއް" ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، އެންޑީއޭގެ ފަރުވާ ދޭ ނިޒާމު އިތުރަށް ހަރުދަނާކޮށް އެންޑީއޭގެ ކަންކަން އިސްލާހު ކުރަން ގޮވާލައި އެ އެޖެންސީ ކުރިމަތީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުޒާހަރާ ކޮށްފައިވެއެވެ. އަދި އޭގެ ފަހުން މީސް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ އެންޑީއޭ އިސްލާހު ކުރުމަށް ގޮވާލަމުންނެވެ.

އާންމުންގެ ޝަކުވާއަކީ އެ ތަނުން އެކަށީގެންވާ ފަރުވާ ނުލިބުމެވެ. ހާއްސަކޮށް އަތޮޅު ތެރޭގައި ޑްރަގްގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދެވޭނެ ފަސޭހަ ނިޒާމެއް ނެތުމެވެ. އަތޮޅު ތެރެއިން ފަރުވާއަށް މާލެ ގެންނަ މީހުން ފަރުވާއަށް ނުފޮނުވައި އެމީހުން މާލޭގައި މަގުމަތިވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައި ވެއެވެ.

މި މައްސަލަ ބޮޑުވެފައި ވަނިކޮށް ރައީސް އޮފީހުގައި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންނަށް ފަރުވާދޭނެ އަވަސް ގޮތްތަކެއް ކަނޑައެޅުމާމެދު ވަނީ މަޝްވަރާ ކުރަށްވާ ފައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ގާއިމްކުރެވޭ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން، މިކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލުވެސް ހޯއްދަވައި ދެއްވިއެވެ.

އެންޑީއޭއަކީ ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ސިޔާސަތުތައް ތަންފީޒު ކުރާ މައި އިދާރާއެވެ. އެންޑީއޭގެ އިސްވެރިޔަކު ނެތި ދުވަސް ތަކަކަށްފަހު އެތަނުގެ ސީއީއޯކަަށް މުހައްމަދު ހަބީބު ހަމަޖައްސެވީ މި އަހަރުއެވެ.

މަސްތުވާ ތެކެތީގެ ވަބާގައި ޖެހޭ މީހުންނަށް ފަރުވާދީގެން އެމީހުން އަލުން މުޖުތަމަޢަށް ނެރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިވާހަކަ އެތައް ފަހަރަކު ތަކުރާރު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން