ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް މަތީ ކޯޓުން ދެމެހެއްޓުމުން އެނގުނީ ޖުޑިޝަރީއަށް މި ސަރުކާރުން ބަދަލުގެނައީ، ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެންކަން ކަމުގައި ރައީސް ޔާމިންގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލު އަދި އެ މަނިކުފާނުގެ ފުރަތަމަ ނައިބު ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޙުކުމުން އެނގުނީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލުގެނައީ، ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެންކަންކަމަށެވެ.

”ޒަމާންވީ މިސަޤާފަތް ބަދަލުކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވީ ވަޢުދު މިވީ އޮޅުވައިލުމަކަށް.“ މިއަދު ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވީ "އިންސާފު ނުދިނުމަކީ އެންމެ ބޮޑު އަނިޔާ" ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީޢަތަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ޑރ. ޖަމީލް ވަނީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އިއްވި ޙުކުމުގައި ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ޔާމިނަށް އެ ޙުކުމް އިއްވި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަޙްމަދު އަދީބާއި، ޒިޔަތަކީ ފާސިޤުން ކަމަށާއި، އެ ދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ، ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ދާދި ފަހުން ބޭއްވި ރައީސް ޔާމިންގެ އިސްތިއުނާފު މައްސަލައިގެ ޙުކުމް އިއްވި މަޖިލީހުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ރަޢުޔުގައި ވެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ އަދީބަކީ ރައީސް ޔާމިނާއި އެ މަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއްދޭން އުޅުމުގެ ކުށް ސާބިތުވެފައިވާ ބޭފުޅެއްކަމަށްވާތީއާއި، އަދީބުގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެެއްދޭ ހެކިބަހަކަށްވާތީ ރައީސް ޔާމިނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

މީގެއިތުރުން އަދީބާއި ޒިޔަތުގެ ހެކިބަހަށް ކްރިމިނަލް ކޯޓުން ހެކިބަސްދިނީ ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމާއި ޚިލާފަށްކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަންދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަންނެތްކަމަށް ވެސް ޝަހީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދަށުކޯޓުގެ ހުކުމް ދެމެހެއްޓީ މައްސަލަ ބެއްލެވި އަނެއް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން