ދިވެހި ޙައްޖާޖީންތަކެއް
ދިވެހި ޙައްޖާޖީންތަކެއް
ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ހަމަޖައްސާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިވެހި ޚާރިޖީ ވުޒާރާއިން މިއަދު ބުނީ ކޯވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލާ ގުޅޭގޮތުން ދިވެހި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ސަޢުދީގެ ޚާރިޖީ ވަޒީރާއި މަޝްވަރާކުރަށްވާފައިވާ ކަމަށެވެ. އަދި ޚާރިޖީ ވުޒާރާއިން ވަނީ ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލުވެސް ޢާއްމު ކޮށްފައެވެ.

އެގޮތުން ސައުދީ އަރަބިއްޔާއަށް ފުރުމުގެ 72 ގަޑިއިރު ކުރިން ރާއްޖެއިން ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ ކޮވިޑަށް ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަން ޖެހެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުމާއެކު ސައުދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު، އުމްރާގެ އަޅުކަން އަދާކުރާ މީހާ ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ.

އަދި މި ހާލަތުގައި ޢުމްރާވުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި، އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ގައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ވާނެ ކަމަށް އުސޫލުގައި ވެއެވެ.

ރާއްޖެއިން އެންމެ ފަހުން ބަޔަކު އުމްރާއަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ކޯވިޑް-19ގެ ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލިތާ ގާތްގަޑަކަށް 7 މަސް ދުވަސް ފަހުން ހަރަމްފުޅު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން