ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
އަދާލަތު ޕާޓީ ފުނޑާލައި ވުޖޫދުުން ނައްތާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ނިމިދިޔަ ދައުރުގައި އެ ޕާޓީގެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާން އަބްދުﷲ ތުހުމަތު ކުރަށްވައިފިއެވެ.

އިމްރާން މިފަ ތުހުމަތެއް ކުރަށްވާފައި މިވަނީ، ޕާޓީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ، އުފެއްދީ ވަރަށް ވަރުގަދަ އަސާސުތަކާއި، ބިންގަލެއްގެ މައްޗަށް ކަމަށެވެ.

ހޯމް މިނިސްޓަރުގެ މަގާމު ވެސް މިހާރު ފުރުއްވަމުން ގެންދަވާ އިމްރާން ވިދާޅުވީ، މީގެ 15 އަހަރު ކުރިން އަދާލަތު ޕާޓީ އުފެދިގެން އައީ ސިޔާސީ ގޮތުން ހަލަބޮލި ނާޒުކު ދުވަސްތަކެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އޭރާއި މިހާރު ވެސް ޕާޓީއަށް ދިމާވާ ގޮންޖެހުމަކީ، އެ ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރިޔަށް ގެންދަން އަދާލަތުގެ ސަބަބުން ހުރަސް އެޅޭތީ، ކުރިމަތި ކުރުވާ ފިއްތުންތައް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ ބަލިކަށި ކުރުމުގެ ބޭނުމުގައި ބަޔަކު އަނެއްކާވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕާޓީގެ ރައީސްގެ މަގާމަށް އިތުރު ދައުރަކަށް ނިކުމެވަޑައިގެންނެވި ސަބަބަކީ އެއީ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެހެން ބަޔަކު ފާޅުގައި ނުކުމެ، އަދާލަތު ވުޖޫދުން ފޮހެލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އާދެ ހަގީގަތުގައި ވެސް، މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތްނަމަ، ކޮންމެހެން އަޅުގަނޑު މިވަގުތު މި ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. އެހެން ނަމަވެސް މި ޕާޓީ ބަލިކަށިކޮށް ނިކަމެތިކޮށް، ޕާޓީ ވުޖޫދުން ފޮހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތް ކުރަމުން ބާރަށް ނިކުންނާތީވެ، އޭގެ ކުރިމަތީ ސާބިތުކަމާއި އެކު ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިކުމެ މިހިރީ." ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމަށްޓަކާ މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާ އިމްރާން ވަނީ، ޕާޓީއާއި އެކު ސާބިތުކަން މަތީ ކުރިޔަށް ދިއުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިމްރާން ވިދާޅުވީ އަދާލަތަކީ ކިތަންމެ ދުވަހަކަށް ދެމިގެން ދިޔަޔަސް އިސްލާމް ދީން ހިމާޔަތް ކުރާނެ ޕާޓީއެއް ކަމަށެވެ. އަދި އިލްމުވެރިން ދައްކަވާ ވާހަކަތަކާއި އަދި، އިސްލާމް ދީނުގެ އަސްލު އުސޫލު އަބަދުވެސް ދަމައްޓާނެ ކަމަށެވެ. ޕާޓީގެ ސިޔާސީ މަސައްކަތްތައް ދާނީ، އިސްލާމް ދީނުގެ އުސޫލާއި އެއްގޮތަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އެހާ ބޮޑުކޮށް ބާއްވަން ޖެހުނީ ބޭރުގެ ބައެއް ސިޔާސީ ނުފޫޒު ޕާޓީއަށް ފޯރައި ޕާޓީ ރޫޅާލަން މަސައްކަތްކުރާތީ ކަމަށެވެ.

އިމްރާނުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރަށްވައި ކެމްޕޭނަށް ބޮޑު ހަރަކާތެއް ބާއްވައި ވާހަކަދައްކަވަންޖެހިވަޑައިގަންނަވާނެ ދުވަހެއް އަންނާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ.

ނަމަވެސް މިއަދު އެކަން ވެސް ކުރަން ޖެހިފައިވާ ކަމަށާއި އެކަން ކުރަން ޖެހުނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭގެ ނުފޫޒު އަދާލަތު ޕާޓީއަށް ފޯރަމުންދާދާތީ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޕާޓީގެ ސަފުތައް ބައިބައިކުރަމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކަންކަން "ހަރުކޮށް" ކުރަން ނިންމީ އެ ސަބަބައްޓަކާ ކަމަށް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ޕާޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތީގެ ނިޔަލަށް އިތުރުކުރުމަށް ފަހު ޕާޓީ ބާއްވާ ތާރީހު ވަނީ ފަސްކޮށްފައެވެ.

އެ ޕާޓީން އިންތިހާބަށް އިއުލާންކުރުމާ އެކު އެކި ކަހަލަ މައްސަލަތައް ފެންމަތިވެފައިވާއިރު ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ އާއި، އެ ޕާޓީގެ ބާރުތައް ވަކި ބަޔަކަށްދޭން އުސޫލުތަކަށް ބަދަލު ގެންނަން މަސައްކަތްކުރާ ކަމަށް ބުނެ ޕާޓީގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ވެސް މައްސަލަތައް ހުށަހަޅާފައިވެއެވެ. އެ ޕާޓީން މިހާރު ވަނީ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކޮށްފައެވެ.

މީގެ އިތުރަށް ގެނައި ބައެއް އިސްލާހުތަކުގައި ޕާޓީ އަށް ތިން ނައިބު ރައީސުން ހޮވުމާއި އޭގެ ތެރެއިން އެކަކީ ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ރަނިން މޭޓުގެ ގޮތުގައި ހަރަކާތްތެރިވާ މީހާ ކަމަށް ވެސް އައު އުސޫލުގައި ވެއެވެ. ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރިމަތިލެއްވި އިރު އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވެސް ވަނީ އެމަގާމަށް ކުރިމަތިލައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން