ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމެންޓެއްގައި ދިރިއުޅުއްވާ އިންޑިއާ ސަފީރުގެ ގެކޮޅު ކުރިމަތީގައި ބަޔަކު މުޒާހަރާ ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.



ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، ސަންޖޭ ސުދީރުގެ ގެކޮޅު ކުރިމަތީގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ހިފައިގެން އާންމުންގެ 50 ވަރަކަށް މީހުން އިއްޔެ ވަނީ މުޒާހަރާކޮށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާފައެވެ.



މިކަމާ ގުޅިގެން މިއީ ވަރަށް ދަށް ފެންވަރުގެ ކަންކަން ކަމަށް ވިދާޅުވެ ވައްޑެ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

"‏މިއީ ވަރަށް ދަށްފެންވަރު ކަންކަން. އެންމެ ހުތުރު ކަމަކީ މިފަދަ ކަންކަން ކުރުވާ ބޮޑުން ފިލާތިބޭތީ. ލޮކްޑައުން ތެރޭ ނުކުމެ ފުލުހުން ގަޔަށް ހައްޕުނޑު ޖަހާފައި ރެކިގަތް ގޮތަށް، މިކަންވެސް ދެން އެންމެފަހުން އާދައިގެ މެމްބަރުން ބޮލަށްތޯ ކަނޑާލާނީ؟" ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އިންޑިއާ އައުޓް ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށް ބުނި ނަމަވެސް މިހަރަކާތުގައި ސަރުކާރާ ދެކޮޅު ފިކުރުގެ ގިނަ ބަޔަކު ބައިވެރިވަމުން ގެންދެއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ދުއްވައި ބެލެހެއްޓުމަށާއި ފަހުން ދިން ކުޑަ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭކަން ފާހަގަ ކުރެވެއެވެ. މިމައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ކިނބޫ

26-Jan-2021

އެހެންތަ!? ކަލެއަށް ހަމަ ކަމަކު ނުދިޔަތަ? ކެކެކެ ސޮރީ! ހަމަ ހިނި ގެޅުނީ.



ޓްރެންޑިން