އއ. ތޮއްޑޫ
އއ. ތޮއްޑޫ
އއ. ތޮއްޑޫން މާލެއަށް އައި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ތޮއްޑޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ވަނީ، ތޮއްޑޫން މާލެއަށް އައި މީހަކު ކޮވިޑަށް ޓެސްޓުކޮށް އޭނާގެ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މިއަދު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ތޮއްޑޫ އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތޮއްޑޫން ޕޮޒިޓިވްވެފައިވަނީ އެރަށު ޕްރީ ސްކޫލްގެ ޓީޗަރެކެވެ.

މި މަހުގެ 24 ވަނަ ދުވަހު މ. ކޮޅުފުށިން މާލެއަށް އައި މީހަކު ވެސް ކޮވިޑް ބަލީގެ އަލާމަތް ހުރުމުގެ ސަަބަބުން ޓެސްޓުކޮށް ވަނީ ޕޮޒިޓިވްވެފައެވެ. މި ކޭސްއާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށް އެ ރަށުގައި ވެސް ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. އެގޮތުން މިހާރު އެ ރަށުން 105 ރެންޑަމް ސާމްޕަލް ނަގާފައިވާ އިރު 9 މީހަކު މިއަދު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،102 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން