ކޮޅުފުށީގައި ސާމްޕަލް ނެގުން ކުރިއަށް ދަނީ
ކޮޅުފުށީގައި ސާމްޕަލް ނެގުން ކުރިއަށް ދަނީ
ޖެނުއަރީ ފަހެއްގެ ފަހުން މ. ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކުރި މީހުން ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިއުލާނުކޮށްފި އެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިމަހު ފަހެއްގެ ފަހުން ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށެވެ. އަދި މި މުއްދަތުގައި ކޮޅުފުށިން މާލެއަށް ދަތުރު ކުރި މީހުން 1676 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.



އެޗްޕީއޭއިން ބުނީ މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް މީހެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ، މ.ކޮޅުފުށީގައި ބަލި އުޅޭތޯ ބެލުމަށް މިހާތަނަށް އެރަށުން 106 ސާމްޕަލް ވަނީ ނަގައިފައެވެ. މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 މީހުން މިހާތަނަށް ވަނީ ފާހަގަވެފައެވެ. މި ކޭސްއާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހުއެވެ.

މ. ކޮޅުފުށިން މިހާތަނަށް 9 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެރަށުން "ރަސްއޮންލައިނަށް" މަޢުލޫމާތުދިން ފަރާތުން ވިދާޅުވެފައިވަނީ އެރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހަކާއި، 1 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެރަށު ސްކޫލްގެ ޓީޗަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ހަމަ އެއާއެކު އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކާއި، ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކާއި، އެމްބިއުލާންސް ޑްރައިވަރުގެ އަންހެނުންނާއި ދަރިފުޅުވެސް ވަނީ ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން