ކޯވިޑްގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން އިތުރުވާން ފެށުމުން މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށް މިރޭ ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ އާންމު ކުރި އެންގުމުގައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޢުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިރޭ، އެ ދެންނެވުން ނެރުނު ހިނދުން ފެށިގެން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ޕާޓީތަކާއި ހަފުލާ ތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގާފައެވެ. މީގެއިތުރުން ޖަނަވަރީ 27 ވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުންވެސް ވަނީ މަނާކޮށްފައެވެ.

މިރޭ އަޅަން ނިންމި އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި މިރޭ އެންގުން އާންމު ކުރި ވަގުތުން ފެށިގެން މާލެއާއި ހުޅުމާލެއާއި ވިލިމާލެއިން ފުރައިގެން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން ވެސް ހިމެނެއެވެ. އަދި މިހިނގާ ޖަނަވަރީ 29 އިން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ދަންވަރުގެ ގަޑި ތަކުގައި ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައި ވީނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އިމަޖެންސީ ހާލަތުގައި ސިއްހީ ފަރުވާ ހޯދަން ނުކުމެ އުޅުން ވަނީ ހުއްދަކޮށްފައެވެ. އަދި ސިފައިންނާއި ފުލުހުންނާއި ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅނަދުފަހަރާއި އެމްބިއުލާންސް އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް މި އެންގުމުން އިސްތިސްނާ ވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަސް ކޮޅަކަށް ރަނގަޅުވެ ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވެގެން ދިއުމަށްފަހު އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ ސަތޭކައިން މައްޗަށް އަރާފައެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މާބޮޑަށް ލުއި ދިނުމާއެކު އާންމު ރައްޔިތުން ކޮވިޑުން ރައްކާތެރި ވުމުގައި އަމަލުކުރަން އަންގާފައިވާ ޚާއްޞާ އުސޫލުތަކަށް އަމަލު ކުރުމުގައި ފަރުވާ ކުޑަކުރަން ފެށުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ހަސަންބެ

27-Jan-2021

އިދިކޮޅޭ ކިޔާފަ އެ އުޅޭ ބައިގަނޑުން ގަސްދުގައި ބަލި ފަތުރަނީ އެވެރިން ދަނީ ރާއްޖޭގައި ކޮވިޑު ނެތްކަމަށް ގަމާރު ރައްޔަތުންނަށް ވިސްނަދޭން މަސައްކަތް ކުރަމުން ހާއްސަކޮށް ހިސްޓޯ ފަދަ ގަމާރުން



ޓްރެންޑިން