އައްޑޫ ސިޓީގައި ކާޅުގެ ސަބަބުން ދޮންދީނި މަރުވެފައި - ފޮޓޯ: ސަޖުވާ
އައްޑޫ ސިޓީގައި ކާޅުގެ ސަބަބުން ދޮންދީނި މަރުވެފައި - ފޮޓޯ: ސަޖުވާ
އައްޑޫގައި ކާޅު ގިނަވެ، ދޮންދީނިގެ އާބާދީ އަށް ނުރައްކާވެފައި ވާތީ އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އައްޑޫން "ރަަސް އޮންލައިން"އާ ވާހަކަދެއްކި މީހަކު ބުނީ ކާޅުތަކުގެ ސަބަބުން ހިމާޔަތް ކުރެވިފައިވާ ދޮންދީނީގެ އާބާދީ ނެތެމުންދާ ކަމުގެ ބިރު ހީވާން ފަށައިފި ކަމަށެވެ.

"ކާޅުތައް ދަނީ ދޮންދީނި މަރައި ހުސް ކުރަމުން." އޭނާ ބުންޏެވެ.

އައްޑޫ ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އައްޑޫގައި ކާޅު އިތުރުވަމުން ދަނީ ބަޔަކު ގަސްތުގައި އައްޑު އަށް ކާޅު ގެނެސް ދޫކޮށްލާފައިވާތީ އެވެ. އައްޑުއަކީ އެއް އިރެއްގައި ވެސް ކާޅު ދިރިއުޅޭ ތަނެއް ނޫނެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން އައްޑޫން ކާޅު ފެންނާތީ އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދެ އެވެ.

"އައްޑޫގެ އަވަށްތަކަށް ކާޅުތައް ދޫކުރުމުގެ ސަބަބުން ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް ކައުންސިލަށް ވަނީ ލިބިފައި،" ކައުންސިލުން ބުންޏެވެ.

"އަދި ދޮންދީނިތައް މަރައި ޅަ ދޫނިތަކާ އެކު ކައި ހުސްކުރަމުންދާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައި." ސިޓީ ކައުންސިލުން ބުންޏެވެ.

ދޮންދީނި އަކީ އައްޑޫގެ ފަހުރެއްގެ ގޮތުގައި ދެކޭ، އެ ސިޓީ ރަމްޒުކޮށްދޭ ދޫންޏެކެވެ.

އައްޑޫގައި ހިމާޔަތްކޮށްފައިވާ ދޮންދީނި ތަކަށް ކާޅުތައް ގެއްލުން ދެމުންދާތީ ކާޅު ނައްތައިލުމުގެ ހުއްދަ އަށް އައްޑޫ ސިޓީ ކައުންސިލުން އެދުމުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ހުއްދަ ދީފަ އެވެ.

މިކަމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަސީރު ސޮއިކުރައްވައި މޭޔަރު ސޯދިގް (ސޯބެ)އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކާޅަކީ އައްޑޫގައި އާންމުކޮށް އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އާއި އޭގެ ސަބަބުން އުނދަގުލަކަށްވާ ނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ.

އެސިޓީގައި އިތުރަށް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ޓ) ގައި ވާ ފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންވެ ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަމަލުކުރަން ގަސްދުކުރާ ކަމެއް ތަންފީޒު ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ބޭނުންވާ ނަމަ ކަމާބެހޭ ފަރާތްތަކަށް ލިޔުއްވައި އެހީތެރިކަން ހޯއްދެވުމަށް ވެސް ނަސީރުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ނަމަވެސް، އެކަން ކުރި ކަމެއް އަދި އެނގިފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން