މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރީ ނަން ބޯޑް
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރީ ނަން ބޯޑް
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ބާއްވާ އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދަޢުވަތު ދިނުމާއި ނޫސްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި، އެކިއެކި މީޑިއާތަކާ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ މައްސަލަތައް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެފަދަ މައްސަލަތައް ކައުންސިލަށް ހުށައަޅަމުންދާތީ އެކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެވިފައިވާ ކަމަށެވެ.

"ނޫސްވެރިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ހެލްތު މިނިސްޓްރީގެ ފަރާތުން 24 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސަށް ބައެއް ނޫސްތަކަށް ދަޢުވަތު ލިބިފައި ނުވާކަމުގެ ޝަކުވާއާއި، ހެލްތު މިނިސްޓްރީގެ ވައިބަރ ގްރޫޕްގައި ނޫސްވެރިން ކުރައްވާ އެކިއެކި ސުވާލުތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ މިކައުންސިލަށްވަނީ ލިބިފައެވެ." ބަޔާނުގައި ކައުންސިލުން ބުނެފައި ވެއެވެ.

މީޑިއާ ކައުންސިލުން ފާހަގަ ކުރި ގޮތުގައި، މިކަން ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުالله އަމީންގެ ދައުރުގައިވެސް ހިންގަމުން ދިޔައެވެ. އެކަމަކު، އޭރު ވެސް އަދި މިހާރު ވެސް މި ކަމަށް ހައްލެއް ލިބިފައި ނެތުމާއެކު އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރަމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.

މި މައްސަލަ ހައްލު ކުރުމަށް ހެލްތް މިނިސްޓަރާއެކު ބައްދަލުވުމެއް ހަމަޖެއްސުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމާއި، ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސިޔާސީ، ނުވަތަ ޤާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ އިޤްތިޞާދީގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކަންކަން އިސްލާޙުކުރުމަކީ މީޑިއާ ކައުންސިލުގެ ޤާނޫނީ މަސްޢޫލިއްޔަތެކެވެ.

ހެލްތު މިނިސްޓްރީން ނޫސްތަކާއި ނޫސްވެރިންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން