ދުވާލަކު 10 ދަތުރު ޓެކްސީ އެއްގައި ކޮށްގެން 90 ހާސް ރުފިޔާ ކާރު ދަތުރުގެ ޚަރަދަށް އަރާފާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)، މާލެ ސިޓީ މޭޔަރ ޝިފާ މުހައްމަދަށް ފާޑުވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ކާރު އެލެވެންސްގެ ގޮތުގައި އަހަރަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 90،000 ރުފިޔާ ބޭނުން ކުރައްވާކަން ހާމަވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.

"ދުވާލަކު 10 ދަތުރު ޓެކްސީ އެއް ގައި ކޮށްގެން މިވަރު އަރާފާނެ... ޒީރޯ ޓޮލަރެންސް ގައި އެއީ މައްސަލަ އެއް ނޫން.... އެއީ ރައްޔިތުންގެ ހިދުމަތުގައި ކުރާކަންތައް. ‎އެމްޑީޕީ މީހުންނަށް ކޮރަޕްޝަން އަކީ ކޯޗެއްކަން ވެސް ނޭނގޭނެ..." މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުން ފެންނަ ގޮތުގައި ކޮންމެ މަހަކު އެ ތަނުގެ މުވައްޒަފުންނަށް 3،462،942.60 ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން ދޫކުރެއެވެ.

އަދި އެ އިދާރާގައި ޖުމްލަ 524 މުވައްޒަފުން މަސައްކަތްކުރާއިރު އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ޝިފާއަށެވެ. ޝިފާގެ މުސާރައަށް މުޅި ޖުމްލަ 47،500 ރުފިޔާ ލިބެއެވެ. އެއީ އާންމު މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 30،000 ރުފިޔާއާއި، ލިވިން އެލެވެންސްގެ ގޮތުގައި ލިބޭ 10،000 ރުފިޔާގެ އިތުރުން ކާރު އެލެވެންސްގެ ގޮތުގައި މަހެއްގެ މައްޗަށް 7500 ރުފިޔާ ލިބެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މުސާރައަށް ހިނގާ ޚަރަދުތައް ހާމަކޮށްފައި ވަނީ އެމައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރ މެދުވެރިވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން