މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް
މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 11:30 ގައި ބަންދުކުރަން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.



މީގެ އިތުރުން ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ 08 ވަނަ ދުވަހުން ފެށިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށެވެ. އޭގެ ފަހުން މީގެ ތިން ދުވަސް ކުރިން 24 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ނިންމެވިއެވެ. އެހެން ނަމަވެސް ކޯވިޑް-19 ގެ ބަލިމީހުން ފެންނަ ޢަދަދު އިތުރުވުމުން އަނެއްކާވެސް މިވަނީ ކުރީގެ ޙާލަތަށް އެ ބަދަލު ރުޖޫޢަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،247 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،273 ގައެވެ. މިއަހަރުގެ ފުރަތަމަ 26 ދުވަހު ރާއްޖެއިން ވަނީ 1500 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ. އެއީ 43 ދިވެހިންނާއި، 8 ބިދޭސީންނެވެ. އަދި މިއަހަރުގެ ފުރަތަމަ 26 ދުވަހު ކޯވިޑް ޖެހިގެން ރާއްޖެއިން 3 މީހުން ވަނީ ނިޔާވެފައެވެ. އެއީ މިމަހުގެ ހަތްވަނަ ދުވަހު ނިޔާވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 ވަނަ ދުވަހު ނިޔާވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 ވަނަ ދުވަހު ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން