ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ
މާލެ ދޫކޮށް އަމިއްލަ ރަށަށް ބަދަލުވާން ބޭނުން އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް މާލޭގައި ދިރިއުޅުމަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މިހާލަތުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެކަމަށް އެދޭ މީހުން 1421 އަށް ގުޅުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

މާލީ ގޮތުން ދަތިވެ މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީވާން ޖެންޑަރ މިނިސްޓްރީއިން ނިންމާފައިވާއިރު، ކޮވިޑްގެ މި ޙާލަތުގައި ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް ގިނަ އެހީތަކެއް އެ މިނިސްޓްރީއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދިނުމުގައި ވެސް ގެންދަނީ އެހީތެރިވަމުންނެވެ.

ކޯވިޑް-19 ގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ބުރޫ އަރައި މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ގިނަ ޢާއިލާތަކަކަށް ވަނީ އެތައް ގޮންޖެހުމެއް ކުރިމަތިވެފައެވެ. މިފަދަ ޢާއިލާތަކަށް އެހީވުމަށް ސަރުކާރުން ނިންމި ނަމަވެސް އެހީވާނެ ގޮތާއި އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން