އިންޑިއާ އިން ހަދިޔާކުރި ވެކްސިން
އިންޑިއާ އިން ހަދިޔާކުރި ވެކްސިން
ކޮވިޑްޝީލްްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ އިން އުފައްދާފައިވާ "ކޮމިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައިވާކަމަށެވެ. އަދި މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ނުވަތަ ޚާސްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކަމަށް އެ އެތޯރިޓީން ބުންޏެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ "ކޮމިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑްނަމެއް ކަމަށެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިނެކެވެ.

ބްރިޓިޝް މެޑިސިންސް އެންޑް ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީއަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެސް.އާރް.އޭ) ލިސްޓުގައި ހިމެނޭ، އާންމު ޞިއްޙަތުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެކުރިން، ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނާ ބެހޭގޮތުން އެކި ޤައުމުތަކުގެ އިތުބާރު ހުރި އިދާރާތަކުން ޙިއްޞާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނަކީ އެއް "ކޮމްޕޮޒިޝަން" އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ އެކައްޗެއްކަން އޮތޯރިޓީއަށް ޔަޤީންކުރެވޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެ ހުރިހައި ކަމަކަށް ރިޢާޔަތްކޮށްފައިވާނެކަމަށް އެ ބަޔާނުގައިވެއެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދޫކޮށްފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށް ކަމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަދެވިފައި ނުވާނެކަމަށް ވެސް ބުނެފައި ވެއެވެ.

އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން ގާތުން މޮނިޓަރކުރަމުން ގެންދާނެކަމަށް ބަޔާނުގައިވެއެވެ. އަދި މި ވެކްސިނަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެކަމަށް ވެސް ބަޔާނުގައިވެއެވެ.

އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑްގެ 100 ހާސް ޑޯޒް އެގައުމުންވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އިންޑިއާގައި މިހާރު ވަނީ މި ވެކްސިން ޖަހަން ފަށައިފައެވެ. މީގެ އިތުރުން އަވަށްޓެރި ސްރީލަންކާގައި ވެސް މިއަދު މި ވެކްސިން ޖަހަން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން